ލަންކާަގެ ހާލަތަކީ އިންޒާރެއް: އައިއެމްއެފް
ސްރީލަންކާގެ މިހާރުގެ އިޤްތިސާދީ ހާލަތަކީ ދަރަނި ބޮޑު ޤައުމުތަކަށް އިންޒާރެއް ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ޗީފް، ކްރިސްޓަލީނާ ޖިއޯރޖީވާ ވިދާޅުވެއްޖެއެވެ.
އިންޑޮނޭޝިއާގައި ކުރިއަށްދިޔަ ޖީ20 ފިނޭންސް މިނިސްޓަރުންނާއި ސެންޓްރަލް ބޭންކު ގަވަރުނަރުންގެ ބައްދަލުވުމުގައި ކްރިސްޓަލީނާ ވިދާޅުވީ ލަންކާގެ އިޤްތިސާދު އޮތް ހާލަތަށް ދަރަނި ބޮޑު އެހެން ޤައުމުތައް ވެސް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެގޮތުން، ބާލީގެ އިޤްތިސާދު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ކްރިސްޓަލީނާ ވިދާޅުވީ އިޤްތިސާދީ ގޮތުން އެންމެ ހާލަތު ދަށްވާނީ ދަރަނި ބޮޑުވެފައި، ރަނގަޅު ޕޮލިސީތައް ހެދިފައިނުވާ ޤައުމުތައް ކަމަށެވެ. އެގޮތުން، ކުރިއަރަމުން އަންނަ ޤައުމުތަކަށް ވެސް ކުރިއަރާފައިވާ ޤައުމުތަކާ އެއްހަމަ ކުރުމަށް ހުރި ދަތިތައް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ވަކި ޤައުމުތަކެއްގެ ނަން ކްރިސްޓަލީނާ ފާހަގަ ނުކުރައްވައެވެ. ނަމަވެސް ބީބީސީން ރިޕޯޓު ކޮށްފައިވާގޮތުގައި އިޤްތިސާދީ ހާލަތު އެންމެ ބޮޑަށް ދަވާނެ ކަމަށް ލަފާ ކުރެވެނީ އޭޝިއާ ސަރަހައްދުގެ ބައެއް ޤައުމުތަކުގެއެވެ. މީގެ ތެރޭގައި ރާއްޖެ އާއި ޕާކިސްތާނާއި ބަންގްލަދޭޝް ވެސް އެ ނޫހުން ވަނީ ހިމަނާފައެވެ.
ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ އިޤްތިސާދު ހީނަރުވަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެގޮތުން، އެ ޤައުމުގައި ތެލުގެ އަގު 90 އިންސައްތައަށް އަރާފައިވާ ކަމަށާއި އިންފްލޭޝަން ރޭޓް ޖޫން މަހު 21.3 އިންސައްތައަށް އަރާފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އިޤްތިސާދީ ހާލަތު ދަށްވާނެ ކަމަށް ލަފާ ކުރެވެނީ އުފެއްދުންތެރިކަމާ އަޅާ ބަލާއިރު ދަރަނި ބޮޑުވުން ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމާ އަޅާބަލާއިރު 100 އިންސައްތައަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން ބަންގްލަދޭޝުގައި މިއަހަރުގެ މެއި މަހު އިންފްލޭޝަން ރޭޓް 7.42 އިންސައްތައަށް އަރާފައިވާ ކަމަށް ވެސް ބީބީސީގައި ވަނީ ރިޕޯޓުކޮށްފައެވެ.
ސްރީލަންކާގެ އިޤްތިސާދީ ހާލަތު ދަށްވެ އެ ޤައުމުގައި މިހާރު ދަނީ ހަމަނުޖެހުންތައް ވެސް ހިންގަމުންނެވެ. އެގޮތުން، އެ ޤައުމުގެ ބަޖެޓުގައި ކާނާ އާއި ބޭހާއި ތެޔޮ އިމްޕޯޓު ކުރާނެ ބަޖެޓުވެސް ނެތްއިރު އެ ޤައުމު ވަނީ ބަނގުރޫޓުވެފައިވާ ކަން ވެސް ވަނީ އިއުލާންކޮށްފައެވެ.