ދުވާފަރު ކައުންސިލްގެ ޚިޔާނާތާ ގުޅިގެން އިންކުއަރީއެއް ހަދަނީ
ރ.ދުވާފަރު ކައުންސިލުން ޚިޔާނާތާ ގުޅިގެން އިންކުއަރީ ހަދަން ފަށައިފިއެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީން ރޭ ބުނީ ދުވާފަރު ކައުންސިލުގެ އިދާރީ ހިންގުމުގައްޔާއި ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ވައްކަމާއި ކޮރަޕްޝަން ހިންގާކަމަށް ގިނަ ފަރާތްތަކުން އެ އޮތޯރިޓީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
އެ ގޮތުން އެ އޮތޯރިޓީގެ ކަމާގުޅޭ މުވައްޒަފުން އެކުލެވޭ ޓީމެއް ދުވާފަރަށް ގޮސް ކުރި ޚާއްސަ މޮނިޓަރިންގެ ތެރެއިން ފާހަގަކުރެވުނު އެންމެހާ މައްސަލަތައް ހިމެނޭ ގޮތަށް ތައްޔާރުކުރި މޮނިޓަރިންގ ރިޕޯޓް އެ އޮތޯރިޓީގެ ބޯޑުން ފާސްކޮށްފައިވާ ކަމަށާއި, މި މަހުގެ 20 ވަނަ ދުވަހު އެ އޮތޯރިޓީގެ ވެބްސައިޓުގައި އެ ރިޕޯޓު ޝާއިޢުކޮށްފައިވާ ކަމަށެވެ.
އެލްޖީއޭއިން ބުނީ މޮނިޓަރިންގ ރިޕޯޓް އެކުލަވައިލާ ޢާންމުކުރުމުގެ ކުރިން މޮނިޓަރިންގެ ތެރެއިން ފާހަގަވި މައްސަލަތަކަށް ޢާންމު އުސޫލުގެތެރެއިން ޖަވާބުދާރީވުމަށް ކައުންސިލަށް ދޭންޖެހޭ އެކަށީގެންވާ މުއްދަތު ދީފައިވާާނެ ކަމަށެވެ. އަދި ރިޕޯޓުން ފާހަގަކުރެވުނު މައްސަލަތައް ތަޙްޤީޤުކޮށް އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައިދިނުމަށް އެދި ތަޙްޤީޤީ އިދާރާތަކުގައި ދަންނަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން ދުވާފަރު ކައުންސިލްގެ އިންކުއަރީ ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް އެލްޖީއޭއިން ވަނީ ބުނެފައެވެ.
ދުވާފަރު ކައުންސިލުގެ މޮނިޓަރިންގ ރިޕޯޓްގައިވާ ގޮތުން އެ ކައުންސިލުން ވަނީ ދެ މިލިއަން ރުފިޔާއަށްވުރެ ބޮޑު ޚިޔާނާތެއް ހިންގާފައެވެ.