ޔޯގާ މައްސަލައިގައި މައުމޫންގެ ރައްދެއް: އަމިއްލަ ވިސްނުމަށް ބިނާކޮށް ރައުޔު ނުނެރުއްވާ
ޔޯގާގެ ހުކުމާއިމެދު ބަހުސް ކުރެވުމުންދާ ދަނޑިވަޅެއްގައި މި މައުޟޫއަށް އަލިއަޅުއްވާލާ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދިރާސާ ލިޔުމެއް ނެރުއްވާފައިފިއެވެ.
"ޙަރާމްވާނީ ހަމައެކަނި މާތްﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ" މި މައުޟޫއަށް އެމަނިކުފާނު ލިޔުއްވާފައިވާ ލިޔުމުގައި ޔޯގާއާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ރައުޔުވަނީ ހާމަކުރައްވާފައެވެ.
މި ލިޔުން އާއްމު ކުރައްވަމުން ރައީސް މައުމޫން، ޒައީމްކަން ކުރައްވަމުން ގެންދަވާ އެމަނިކުފާނުގެ ޕާޓީ، އެމްއާރުއެމްގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފަހަކަށް އައިސް ނެރޭ ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި އެކަށޭނެ ދިރާސާއަކަށްވުރެ، ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ނެރޭ ރައުޔަކަށް ވެފައިވާ ކަމަށެވެ.
"ފަކަކަށް އައިސް ދިވެހި މުޖުތަމަޢުގައި އިޖުތިމާއީ އަދި ދީނީ ބައެއް ކަންކަމުންކަމުގައި ރައްޔިތުންގެ މެދުގައި
ނުތަނަވަސްކަމާއި، ޚިޔާލުތަފާތުވުމާއި ކަންބޮޑުވުން އުފެދޭ ގޮތަށް، ބައެއް ފަރާތްތަކުން ދީނީ ނަޒަރުން ރައުޔުތައް ނެރުން ވަނީ އާންމު ވެގެން ގޮސްފައެވެ. އަދި މިފަދައިން ނެރޭ ބައެއް ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި، އެކަށޭނާ ދިރާސާއަށްވުރެ، އެ ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ބިނާކޮށް ނެރޭ ރައުޔުތަކަށް ވަނީ ވެފައެވެ." އެ ބަޔާނުގައިވެއެވެ.
އެމްއާރުއެމްއިން ވިދާޅުވީ، އެ ޕާޓީ މިކަމުގައި ޤަބޫލު ކުރާ ހަމައަކީ ރައީސް މައުމޫންގެ ލިޔުމުގައި ބަޔާން ކުރާ ފަދައިން ޔޯގާއަކީ ޙަރާމް ކަމެއް ނޫން ކަމަށެވެ.
މައުމޫން މިހެން ވިދާޅުވެފައިވަނީ ޢިލްމީ ތަފްސީލުތަކުގެ އަލީގައި ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ ފަރާތުން “އިސްލާމީ ފިޤުހުވެރިންގެ މީޒާނުގައި ޔޯގާ ” ގެ ނަމުގައި ކަރުދާހެއްވަނީ ޢާންމު ކޮށްފައެވެ. އަދި މިއަދު އިލްމުވެރިންގެ ގުޅުމުގެ ފަރާތުން 104 ޝެއިޚެއްގެ ބަހާއެކު ޔޯގާއަކީ ޙަރާމް ކަމެއް ކަމަށް ވަނީ ވިދާޅުވެ، ކަރުދާހެއް ވަނީ ނެރުއްވާފައެވެ.
ދީނީ ފަތުވާ ނެރުއްވުމުގެ ހުއްދަ އޮންނަ ރައީސް މައުމޫންގެ ލިޔުމުގައި ވިދާޅުވެފައިވަނީ ޙަރާމާއި ހުއްދަ ކަނޑައަޅުއްވާ ފަރާތަކީ ﷲ ކަމަށެވެ. އަދި ޙަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ﷲ ކަނޑައަޅުއްވާފައިވާކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ ކޮންމެ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނިންމުމުގެ ބާރު ނޯންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އެ ލިޔުމުގައި ވިދާޅުވެފައިވަނީ، މިއުޒިމް ކުޅުމާއި، އުފަންދުވަސް ފާހަގަ ކުރުމާއި ޔޯގާފަދަ ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކަސްރަތު ކުރުމަކީ ޙަރާމްކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އެކަންކަން ޙަރާމްވާނީ، އެކަން ކުރުމުގައި ޙަރާމް ކަމެއް އެކުލެވިގެންވާނަމަ، ނުވަތަ ޙަރާމް ކަމަކަށް އަރައިގަންނަން ބޭނުން ކުރެވޭ ވަސީލަތަކަށް ކަމުގައިވާނަމަ ކަމަށް އެ ލިޔުމުގައިވެއެވެ.
ވަރަށް އިބްރަތްތެރި ވާހަކަފުޅެއް ވަރަށްސާފް ވަރަށްސާފް
އަހުން ވަރަށް ސަޕޯރޓްކުރި މީހެއް މައުމޫނަކީ އެކަމަކު ޤުރުއާނާ ޚިލާފަށް އަންހެނުންގެ އައުރަ ނިވާކުރުމާ ބެހޭ ގޮތުން އަމިއްލަ ރައުޔު ނެރުއްވި ހިސާބުން ސަޕޯރޓް ކުރުން ހުއްޓާ ލައިފިން.
ޔޯގާގަ ހަރާމް ކަމެއް ނެތިފަ ކޮބާ ސޫރިޔާ ނަމަސްކާރު ކިޔާފަ އިރަށް ސަޖިދަ ޖަހަން ޖެހޭ ފުރިހަމަ ޔޯގާއެއް ކުރާނަމަ. ދެން އެދުވަހު މަހޭމެން ލައިގެން ތިބީ އެމީހުންގެ ވަރަށް މުހިއްމު ކަލާނގެ ސިވްގެ ފޮޓޯޖެހި ޓީޝާޓް
ސަރުކާރު ރުއްސަން މީނާވެސް ބަޔާން ނެރެނީ. ދަރީގެ ވަޒީފާ ގެއްލިދާނެތީ
ޔޯގާ ހަރާމަށް ހުއްދަޔަސް ނިމިދިޔަ 5 އަަހަރު ޔޯގާ ހުއްޓުވަން ނުކުންނަށް ނުކެރުން! މިއުޒިކް ހަލާލަސް ހަރާމަސް، ނިމިދިޔަ 5 އަހަރު މިއުޒިކް ސޯ ހުއްޓުވަން ނުކުންނަށް ނުކެރުން! 2010 ގަ އެމްޑީޕީ ވެރިކަމުގަ އޭކަން ގެ މިއުޒިކު ސޯ ހުއްޓުވަން މުޒާހަރާ ކުރަން ކެރުނި! އެހެންވީމާ ދީނީ ކަމަކަށް ވުރެ ސިޔާސީ ކަމެއް ތިއުޅެނީ!
104 ހަތަރު ސޭކުން އިސްލާމް ދީނަކީ އެމީހުން ގެނައި އެއްޗެއް ކަމަށް މީހުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރާކަމަށް ބެލެވެނީ.
މައުމޫނަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ވާހަކަ ދައްކާ ބޭފުޅެއް އަބަދުވެސް މިފަދަ މީހުން އިސްލާމީ އުއްމަތުގެ ކަންކޮޅުތަކުން އަބަދުވެދް އެކި ޒަމާންތަކުގައި ފާޅުވެ ފާޅުވެ ހުންނަނީ ، މިސްރުގައި މިފަދަ މީހުން ވަރަށް ގިނަވާނެ !
الله އަށް ހައްގުވެގެންވާ ކަމެއް. އިންނާއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިފުމަކީ الله އާ އެއްފަދަވުމަށް ދަޢުވާކުރުމެެއް. ވިސްނާށެވެ. ހަރާމް ހަލާލް ކަނޑައަޅުއްވާނީ މާތް الله އެެވެ. ކަމެއް ހަލާލް ކުރުމާއި ހަރާމް ކުރުމުގައި ގިޔާސް ކުރުމެއް ނުވެއެވެ.
މައުމޫނުގެ ނަމުގައި މިރައުޔު މިނެރެނީ ހަމަ މައުމޫނުތޯ ؟ މީގައި ޝައްކު އެބައުފެދޭ !