ރައީސް ނަޝީދު ބޭނުންފުޅު ވަނީ މިހާރު ތާވަލު ކޮށްފައި އޮތް ދުވަހަށް އިންތިހާބު ބާއްވަން

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިހާރު ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހަށް ބޭއްވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ މިހާރު ތާވަލު ކޮށްފައި އޮތް ދުވަހަށް އިންތިހާބު ބޭއްވޭނެ އިންތިޒާމެއް ހަމަ ޖެއްސުމަށެވެ.
“ ކައުންސިލްތަކުގެ އިންތިހާބު ލަސް ކުރުމަށް ސަބަބާއި ހުއްޖަތު ހޯއްދެއްވުމަށްވުރެ ބޮޑަށް އެދެވެނީ މިހާރު އޮތް ދުވަހަށް އެކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް” ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް ބިލް ފާސް ކޮށްފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައި ވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އަދި އެ އިންތިހާބު ބޭއްވުމަށް ނިންމާފައިވާ ތާރީހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަހެވެ.
މިހާރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދިމާވެފައިވާ އެންމެ ބޮޑުކަމަކީ ބަޖެޓު މައްސަލަ ކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފު “ދެން” އަށް ވަނީ މައުލޫމާތު ދެއްވާފައެވެ. ޝަރީފް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންގެ ސަބަބުން އެންމެ ބޮޑުކަމަކަށް ކުރިމަތިވެފައި ވަނީ ބަޖެޓު މައްސަލަ ކަމަށެވެ. އެގޮތުން ގައިޑްލައިނުތަކުގެ ސަބަބުން އިންތިހާބު ބޭއްވުމުގެ ޚަރަދު އިތުރު ވާނެ ކަމަށް ވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.
އިންތިހާބާ ގުޅޭގޮތުން މިކަންކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ރައްޔިތުންގެ މަޖީލީހަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. އަންނަ އާދީއްތަ ދުވަހު ކޮމިޝަންގައި މަޝްވަރާ ކުރުމަށްފަހު ރައްޔިތުންގެ މަޖީލީހަށް ހުށައަޅުއްވާނެ ކަމަށް އީސީ ޝަރީފު ވިދާޅުވިއެވެ.