ތިނަދޫ ސުކޫލުތެރޭ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ގދ.ތިނަދޫގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ސުކޫލުގެ ދަރިވަރަކު އެހެން ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރައްވައެވެ.
ސޯޝަލް މީޑިއާގައި މިއަދު ޢާންމުވި ވީޑިއޯއެއްގައި ފެންނަނީ ކުލާސް ރޫމެއްގެތެރޭ ގޮނޑީގައި އިށީނދެގެން އިން ފިރިހެން ދަރިވަރެއްގެ (އޯޓިޒަމް ކުއްޖެއްކަމަށް ބުނާ ކުއްޖެއްގެ) ކައިރިއަށް އެހެން ދަރިވަރަކު ގޮސް ފޮތަކުން ތަޅައި އަނިޔާކުރާ މަންޒަރެވެ. އެ ވަގުތު އެ ދެ ދަރިވަރުން ދުރުކުރަން ކުލާހުގައި ދެން ތިބި ދަރިވަރުން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. މިކަން ހިނގިއިރު ކުލާހުގައި ޓީޗަރަކު ހުރިކަމެއް އަދި މިއީ ކޮންއިރަކު ހިނގިކަމެއް ކަން ސާފެއް ނުވެއެވެ.