ދައުލަތުގެ ނަމުގައި ލޯނު ނަގާއިރު މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް ހުށަހެޅި ބިލު ބޭރުކޮށްލައިފި

ދައުލަތުގެ ނަމުގައި ލޯނު ނަގާއިރު ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް މާލިއްޔަތު ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ބޭރުކޮށްލައިފިއެވެ.
އެ ބިލަކީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (ޓޮމް) ހުށަހެޅުއްވި ބިލެކެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ބޭރުކޮށްލީ 44 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ ވޯޓާއެކުގައެވެ. ބިލު ބަލައިގަންނަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ.
އެ ބިލުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ސަރުކާރުން އެއްވެސް ފައިސާއެއް ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމުން އެކަން އެ ގޮތަށް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި, މަޖިލީހަށް އެކަމެއް ހުށަހެޅުއްވުމުން މަޖިލީހުން އެކަން ފާސްކުރުމުން ކަމަށެވެ.
ތާރިޤް މި އިސްލާހު ހުށަހެޅުއްވިއިރު ރާއްޖޭގެ ދަރަނި ވަނީ 100 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވެސް ވަނީ ރާއްޖޭގެ ދަރަނި މެނޭޖު ނުކުރެވި ރާއްޖެ ބަނގުރޫޓުވުމުގެ ބިރު އޮތްކަމުގެ އިންޒާރު ދީފައެވެ.