ފަނޯއްލަ ދަރުބާރުގައި ހަތަރު ދާއިރާއަކުން މަޝްވަރާ ކުރެވޭ ކަންކަން ރައީސަށް ހުށަހެޅޭނެ: ޝަމްއޫން
(ލ. ފޮނަދޫ) މިއަދު ލ. ގަމުގައި ފެށުނު ފަނޯއްލަ ދަރުބާރުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ ހަތަރު ދާއިރާއަކުން ކަމަށާއި އެ މަޝްވަރާތަކުގެ ތެރެއިން ކައުންސިލްތަކުން ހުށަހަޅާ ހުށަހެޅުންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ ކަމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްއޫން އާދަމް ވިދާޅުވެއްޖެއެވެ.
ލޯކަލް ގަވަރުމަންޓް އޮތޯރިޓީއާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ ފަނޯއްލަ ދަރުބާރު ހަތަރުވަނަ ދަރުބާރު މިއަދު ފަށާފައިވަނީ ގަމު ތުނޑީ ބޯޅަދަނޑުގައި އެކަމަށް ހަދާފައިވާ ވަގުތީ ސަރަހައްދެއްގައެވެ.

ފަނޯއްލަ ދަރުބާރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަމްއޫން ވާހަކަފުޅު ދައްކަވަނީ.. ދެން އިމޭޖްސް
މިއަދު ހަފްލާ ފެށުމުގެ ކުރިން "ދެން"އަށް ދެއްވި އިންޓަރވިއުއެއްގައި ޝަމްއޫން ވިދާޅުވީ، ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ދަރުބާރުގެ ތެރެއިން ޖުމްލަ ހަތަރު ދާއިރާއަކަށް ހަތް އަތޮޅެއްގެ ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާއެކު މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
"ފުރަތަމަ ދާއިރާއަކަށް މަޝްވަރާ ކުރެވިގެންދާނީ ރައްޔިތުން ލާމަރުކަޒީ ނިޒާމުގައި ބައިވެރި ކުރުމާއި ރައްޔިތުން ބައިވެރި ކުރުވައިގެން ޑިވެލޮޕްމެންޓްގެ ކަންކަން ކުރިޔަށް ގެންދިއުމާއި ގުޅޭ ގޮތުން. ދެވަނަ ކަމެއްގެ ގޮތުގައި ޑިސްކަސް ކުރެވިގެންދާނީ ލޭންޔޫސް ޕްލޭންއާއި ބިންތައް ބޭނުން ކުރުމާއި ގުޅޭ ގޮތުން. ތިންވަނަ މައުލޫއަކަށް ޑިސްކަސް ކުރެވިގެންދާނީ ކައުންސިލްތަކަށް އާއްމުދަނީ ހޯދުމަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން. އެންމެ ފަހު ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެވިގެންދާނީ މޫސުމީ ބަދަލުތަކަށް އަންނަ ބަދަލުތަކާއި އެއްގޮތަށް ވިލުންތެރި މުޖުތަމައެއް އަޅުގަނޑުމެން ކިހިނެތްތޯ ބިނާކުރާނީ" ޝަމްއޫން ވިދާޅުވިއެވެ.
ޝަމްއޫން ވިދާޅުވީ، ފަނޯއްލަ ދަރުބާރުގައި މަޝްވަރާ ކުރެވޭ ކަންކަން ރައީސް ޞާލިޙް އަދި ކުންފުނިތަކުގެ ވެރިންނާއި ވަޒީރުން ބައިވެރިވެ ވަޑައިގަންނަވާ ވިޔަވަތި ޕްރޮގްރާމުގައި ހުށަހެޅޭނެ ކަމަށެވެ.