"ފިރިމީހާ އަހަންނާއި އަހަރުމެންގެ ދަރިން ދޫކޮށްލާފައި ދިޔައީ އަހަރުމެންގެ ދެ ލޯ ނޫކުލައިގައި ހުރީމަ"

ރީތި ކުލަ ކުލައިގެ ދެ ލޯ ލިބުމަކީ ވަރަށް ގިނަ މީހުން ބޭނުންވާ ކަމެކެވެ. އަދި ބައެއް މީހުން އެފަދައިން ލޮލުގެ ކަޅީގެ ކުލަ ބަަދަލު ކުރުމުގެ ގޮތުން އެކި ކުލަކުލައިގެ ލެންސު ވެސް ލައްވައިގެން އުޅެއެވެ.
ޤުދުރަތީ ގޮތުން މިފަދަ ރީތި ދެ ލޯ ލިބިފައި ތިބޭ މީހުން ވެސް އުޅެއެވެ. ނޫ ކުލައާއި، އަޅި ކުލައާއި ފެހި ކުލައިގެ ލޯ ހުންނަ މީހުން ފެނުމުން، އެފަދަ ދެ ލޯ އަހަރުމެންނަށް ވެސް ލިބޭނެ ނަމައޭ ހިތަށް އަރާ މީހުން ވެސް މަދެއް ނޫނެވެ.
ނަމަވެސް އެންމެންނަކީ މިފަދަ ރީތި ކަޅިއެއް ލިބުމުން އުފާވާ ބައެއް ނޫނެވެ. އެކަން އެފްރިކާގެ މިކުޑަ އާއިލާއިން ވެސް މިވަނީ ހާމަވެފައެވެ.

ރިސިކަޓް ނަމަކަށް ކިޔާ މިއަންހެން މީހާއަކީ އުފަންވީއިރު ވެސް ލޮލުގެ ކަޅި ނޫކުލައިގައި ހުރި މީހެކެވެ. އާއްމުގޮތެއްގައި އެފްރިކާގެ ގިނަ މީހުންގެ ހުންނަނީ ކަޅު ކުލައިގެ ކަޅިކަމަށްވާތީ، ރިސިކަޓް ގެ ދެ ލޯ ތަފާތުވުމުން އޭނާއަށް ވަރަށް ގިނަ ކަންކަމާއި ކުރިމަތިލާން ޖެހުނެވެ.
އެގޮތުން ރިސަކަޓް ދުނިޔެއަށް އައި އިރުވެސް ލޮލުގެ ކަޅި ނޫކުލައިގައި ހުރުމުން އޭނަގެ ބައްޕަ ވެސް އަވަހަށް އޭނާ ޑޮކްޓަރަށް ދައްކާ، ދެ ލޮލަށް ފެނޭތޯ ޓެސްޓު ކުރިކަމަށް އޭނާ ބުނެފައިވެއެވެ. އެހިސާބުން ރިސަކަޓްގެ ދެލޮލުގެ ފެނުމުގެ އެއްވެސް މައްސަލައެއް ނޫޅޭ ޔަގީންވި ކަމަށް ވެސް އޭނާ ބުންޏެވެ.
ރިސަކަޓްގެ ދެ ލޮލުގެ ކުލައިގެ ސަބަބުން އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ހިތާމައަކީ ދެ ދަރިން ވެސް ލިބުނު ފަހުން އޭނާގެ ފިރިމީހާ އެމީހުން ދޫކޮށްލާފައި ދިޔުމެވެ. ސަބަބެއްގެ ގޮތުގައި ފިރިމީހާ ބުނެފައިވަނީ ރިސަކަޓްގެ ދެ ލޮލުގެ ކުލަ އެމީހުންގެ ދަރިންނަށް ވެސް ލިބުމެވެ. އޭނަގެ ފިރިމީހާ ދެކެނީ އެއީ އާދައިގެ ކަމެއް ނޫން ކަމުގައެވެ.