ނާޒިމު ތަޢުބާވިކަމަށް ބުނެ ފޮނުވި މެސެޖު ނިންމައިލީ އާލު އިމްރާން ސޫރަތުން
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައާ ގުޅިގެން ތައުބާވެފައިވާ ކަމަށް ބުނެ, ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރު މީޑިއާތަކަށް ފޮނުވި މެސެޖު ނިންމާލައިފައިވަނީ އާލު އިމްރާން ސޫރަތުގެ 89 ވަނަ އާޔަތުންނެވެ.
ނާޒިމް މިއަދު ފޮނުއްވި މެސެޖުގައި ވަނީ ކުރެވުނު ކުށާމެދު ހިތާމަކޮށް ތައުބާވާ ކަމަށެވެ.
''އަޅުގަނޑު އެދެނީ މި ކުށަށް ތައުބާވެ ރައްޔިތުންގެ އަރިހުން މާފެވެ.''
އެއަށްފަހު މެސެޖުގައި ވަނީ އާލު އިމްރާން ސޫރަތުގެ 89 ވަނަ އާޔަތް ލިޔެފައެވެ.
''إِلَّا ٱلَّذِينَ تَابُوا۟ مِنۢ بَعْدِ ذَٰلِكَ وَأَصْلَحُوا۟ فَإِنَّ ٱللَّهَ غَفُورٌۭ رَّحِيمٌ'' (އާލު އިމްރާން 89)
''މާނައީ: (އެ ލަޢުނަތުގައި ދެމިތިބޭނީ) އެއަށްފަހު ތައުބާވެ (އަމަލުތައް) އިސްލާހުކޮށްފި މީހުން މެނުވީއެވެ. ފަހެ ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ.''
ނާޒިމް މިފަދަ މެސެޖެއް ފޮނުވީ އޭނާގެ މައްޗަށް ދައުލަތުން އުފުލި އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއަށް އޭނާ އިޢުތިރާފުވެފައިވާތީ, ޙުކުމް ކުރުމުގެ މަޖިލިސް މިއަދު 16:30 ގައި ބާއްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.
އިޚުލާސްތެރި ތޢުބާއެއް ވެއްޖެއްޔާ ﷲ އެ ތައުބާ ޤަބޫލުކުރައްވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް.