ޕޮލިސް ސްޓޭޝަނަށް ވަދެ ފުލުހަކަށް މަރުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށްފި

މާފަންނު ޕޮލިސް ސްޓޭޝަނަށް ވަދެ, ފުލުހަކަށް މަރުގެ އިންޒާރު ދިން މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ރޭ ވިދާޅުވީ ޖަމާއަތް ހަދައި ރާވައިގެން ކުށްކުރާ, މާފަންނުގައި ހަރަކާތްތެރިވާ ގުރޫޕަކަށް ނިސްބަތްވާ މީހަކު ވައްކަންކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށާއި, އެ ގްރޫޕަށް ނިސްބަތްވާ މީހަކު ޕޮލިސް ސްޓޭޝަނަށް ވަދެ, ކޮންސްޓަބަލްއަކަށް މަރުގެ އިންޒާރު ދީފަވާތީ އޭނާވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭގެފަހުން އެ ސްޓޭޝަން ދޮށަށް އެ އެގްރޫޕުގެ މީހުން އެއްވި ކަމަށާއި, އެ މީހުންނާމެދު ވެސް ފިޔަވަޅު އަޅާނެކަމަށް ވެސް ޙަމީދު ވިދާޅުވިއެވެ.
ޙަމީދު ވިދާޅުވީ ޖަމާއަތް ހަދައި ކުށްކުރުމާއި, އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ހިންގައި އަދި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ވެސް ވިދާޅުވެފައެވެ.