ޚަބަރު

ސައުދީއާއި ރާއްޖެއާ ދެމެދުގެ ގުޅުން ވަރުގަދަ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު އިތުރަށް ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Ads by STELCO

މި އެއްބަސްވުމުގައި ސަޢުދީ ސަރުކާރާއެކު ރާއްޖޭން ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ 77 ވަނަ އާއްމު މަޖިލީހުގެ ޖަލްސާގެ ޙަވާސާގެ ތެރެއިންނެވެ.

ސަޢުދީއާއެކު މިވެވުނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދެވެ. ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ ފޮރިން މިނިސްޓަރ ފައިޞަލް ބިން ފަރްޚާން އަލް-ސަޢުދެވެ.

ދެ ޤައުމުގެ ދެމެދު ވެވުނު މި އެއްބަސްވުމުގެ ސަބަބުން، ރާއްޖެއާއި ސަޢުދީއާއި ދެމެދު ޚާރިޖީރޮނގުން އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. ވަކިން ޚާއްސަކޮށް ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމާއި، ދެޤައުމުގެ މަސްލަޙަތު ހިމެނޭ ބައިނަލްއަޤުވާމީ މައްސަލަތަކާއި ބެހޭގޮތުން ހުރިހާ ފަންތިއެއްގައި ދެޤައުމުގެ ދެމެދުގައި ގަވާއިދުން މަޝްވަރާތައް ބޭއްވުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެކަން ފޮރިން މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ.

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 41 އަހަރު ފުރިފައިވާއިރު، ސަޢުދީ ޢަރަބިއްޔާއިން އަންނަނީ ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!