ދުނިޔެ

ކާބުލްގެ ސްކޫލަކަށް އަމާޒުކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 19 މީހުން މަރުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްއާނިސްތާންގެ ކާބުލްގެ ސްކޫލެއްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 19 މީހަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ކާބުލްގެ ހުޅަނގުން އޮންނަ ޑޭޝްޓް އީ ބާރުޓީ އަވަށުގައި ދިން ޖާނުންފިދާ ވުމުގެ މި ހަމަލާ ދީފައިވަނީ ހުކުރު ދުވަހުގެ ހެދުނުގެ ވަގުތުގައެވެ. ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާގައި 27 މީހަކު ޒަޚަމްވެފައި ވެއެވެ.

އަފްއާނިސްތާން ފުލުހުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އަވަށަކީ ޝީޢާ މުސްލިމުންގެ މެޖޯރިޓީ އޮންނަ އަދި ބައިމަދު ހަޒާރާ ކޮމިއުނިޓީގެ ދަރިކޮޅުގެ މީހުން ދިރިއުޅެމުންދާ އަވަށެކެވެ.

"މި އެޑިއުކޭޝަން ސެންޓަރުގައި ޖާނުންފިދާވުމުގެ ހަމަލާ ދިންއިރު، ކުދިން ދިޔައީ އެކްޒާމަކަށް ތައްޔާރުވަމުން. 19 މީހަކު ޝަހީދުވެ، 27 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ވެފަ،" އަފްއާނިސްތާނުގެ ފުލުހުންގެ ތަރުޖަމާން ޚާލިދު ޒަދުރާން ވިދާޅުވެފައި ވެއެވެ.

ސޯޝަލް މީޑިއާއިން ފެންނާންހުރި ފޮޓޯތަކުންނާއި އަދި ލޯކަލް މީޑިއާތަކުން އާންމު ކޮށްފައިވާ ވޯޑިއޯތަކުން ވަނީ މީހުންގެ ހަށިތައް ހިސާބުން ދުރަށް ގެންދާ މަންޒަރުތައް ފެނިފައެވެ.

ފުލުހުންގެ ތަރުޖަމާން ޚާލިދު ޒަދުރާން ވިދާޅުވެފައިވާ ގޮތުގައި، ބޮން ގޮއްވާލިއިރު، ހައި ސްކޫލް ގްރޭޖުއޭޓުން، އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް ހިމެނޭގޮތުން، ގެންދިޔައީ ޔުނިވަރސިޓީ އެންޓްރޭންސް އެކްޒާމެއް ހަދަމުންނެވެ.

މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއް ނުވެއެވެ.

ޑޭޝްޓް އީ ބާރުޓީ އަވަށަކީ ފާއިތުވެދިޔަ މުއްދަތުގައި އަފްއާނިސްތާނުގައި ހިގާފައިވާ މިފަދަ ގިނަ ހާދިސާތައް ހިނގާފައިވާ އަވަށެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!