ކެސިނޯގެ ވާހަކަ ދައްކާއިރަށް ހަރާމޭ ނުބުނެވޭނޭ: މަހްލޫފް
ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް ''މި ހަރާމޭ އެ ކަމެއް ނުކުރެވޭނޭ'' ނުބުނެވޭނެކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މަހްލޫފް އެހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެސިނޯ ހިންގަން ލައިސަންސް ނުދެވިގެން އުޅޭ ސަބަބަކީ ކޮބައިތޯއާ އެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ އައްސަވައި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން ދެއްވި ޖަވާބުގައެވެ.
މަހްލޫފް ވިދާޅުވީ ކެސިނޯގެ އެ ވާހަކަ ފެށިޔަސް އެހިސާބުން އެ މީހަކު ގޯސްވީ ކަމަށާއި, އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގައި ކަމަށެވެ. އަދި މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އޮންނަ ކަމަކަށްނުވާކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.
''މިއިން ތަނެއްގަ އަޅުގަނޑުމެން ކެސިނޯއޭ ބުންޏަސް އެ ވާހަކަ ފެށިޔަސް ގޯސްވީ. ހަމަ ޙަޤީޤަތަށް މި ދެންނެވީ އެ ނަން ކިޔަސް ވެސް ގޯސްވާ ހިސާބަށް. އެހެންވީމަ އުޅެންޖެހެނީ ބޮޑު ބިރުވެރިކަމެއްގަ. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް އެ އޮންނަ ކަމަކަށްނުވޭ. އެކަމު ޢިއްޒަތްތެރި މެންބަރުގެ ވާހަކަފުޅުގަ ކުރީ ދުވަހު ވެސް ވިދާޅުވިހެން ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތްތަކެއް ވެސް އެ ތަންތާގަ ޖަހާ. ކެސިނޯގެ ވާހަކަ ފަށާފަ ހަމަ ބުނާއިރަށް ބުނޭ ހަރާމޭ. ރާ ވިއްކާއިރުގަ ހަރާމެއް ނޫނޭ ކެސިނޯގެ މަސައްކަތް ފަށާ ވާހަކަދައްކާއިރަށް މި ހަރާމޭ އެ ކަމެއް ނުކުރެވޭނޭ. އެހެންވީމަ ހީވަނީ މިކަމުގަ ވެސް އަޅުގަނޑަކީ އެއް އިރެއްގަ ވެސް ހުއްދަ ދޭ މީހާއެއް ނޫން.''
މިސާލެއްގެ ގޮތުން ޔޯގާގެ މައްސަލަ ފާހަގަ ކުރައްވައި މަހްލޫފު ވިދާޅުވީ މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަންޖެހޭ ކަންތައްތައް ކަމަށާއި, އެ ވާހަކަ ދެއްކެން އެބަޖެހޭ ކަމަށެވެ.
''އޭރުންތާ އެނގޭނީ ރަނގަޅާ ނުބަޔާ. މިއަދު އަޅުގަނޑުމެންގެ ދަރިން އަޅުގަނޑުމެންނާ އެބަ ސުވާލުކުރޭ ބައެއް މީހުން ދައްކާ ވާހަކަ އަޑުއަހާފަ އެ ކީއްވެގެންތޯ. އެއަށް އަޅުގަނޑުމެން ދޭނެ ޖަވާބެއް ނޭނގެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް މި ފެންނަނީ ދެ ފަޅިން ވެސް ގޮސް ވަރަށް ބޮޑު ހައްދުފަހަނައެޅުމަކަށްދާ ތަން. ދެފަޅިއަށް އެންމެން ގޮސް ބެހެނީ.''
އެހެންކަމުން މި މުޖުތަމަޢުތެރޭގައި އެއްކޮށް ގުޅިގެން އުޅެވޭނެ ގޮތަކަށް އުޅެން ދަސްކުރަންޖެހޭކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.