އުމްރާއަށް ހުޅުވާލުމުގެ ތައްޔާރީތައް ސައުދީ އިން ފަށައިފި

އުމްރާ ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ސައުދީ ސަރުކާރުން ފަށައިފިއެވެ.
އުމްރާ އަށް ވާންޖެހޭ ތައްޔާރީތައް ސައުދީ އިން ވާން ފަށާފައި މި ވަނީ ކޮވިޑްގެ ދުވަސްވަރު ހަރުކަށި ފިޔަވަޅުތަކާއި އެކު 1000 މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީ ކާމިޔާބު ކަމާއެކު އެއްވެސް ކޭސް އެއް ނުފެނި ހައްޖު ނިންމާލާފައި ވަނިކޮށެވެ.
ސައުދީން ހައްޖުގެ ކަންކަން ކުރިޔަށް ކުރިއަށް ގެންދިޔަ ފުރިހަމަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ތައުރީފު ކޮށްފައިވެއެވެ.
ސައުދީ އަރަބިއްޔާއަކީ މުޅި މެދުއިރުމަތީގައިވެސް އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ އެއް ގައުމެެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ، ސައުދީން ވަނީ ޙައްޖާއި އުމްރާގެ އަޅުކަން މެދުކަނޑާލާ، މައްކާގެ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ވެސް ބަންދުކޮށްފައެވެ. މާޗު މަހުގެ 20 ވަނަ ދުވަހު ބަންދުކުރުމަށް ފަހު، އޭގެފަހުން 2 މަހާއި 11 ދުވަސްފަހުން ނަބަވީ މިސްކިތްވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެހެންނަމަވެސް ޙަރަމްފުޅު ހަމައެކަނި އާއްމުކޮށް އަދި ހުޅުވާލީ މި ފަހަރުގެ ޙައްޖުގައި ބައިވެރިވި ޙައްޖާޖީންނަށް އެކަންޏެވެ.
ޙައްޖަށްފަހު އުމްރާގެ ކަންކަމަށް އާއްމުކޮށް ސައުދީ ހުޅުވާލަނީ މުހައްރަމު މަހުގެ 15ގެ ފަހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.