ލޭނާރު މުޒާހަރާ: ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މަސްވެރިންގެ ޙައްޤުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާ ރޫޅައިލައި ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތައް ނުފުއްދައި މަސްވެރިންނަށް އިހުމާލުވެފައިވާތީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް އަޑު އިއްވުމުގެ ގޮތުން އިއްޔެ ހަވީރު މުޒާހަރާ ކޮށްފައިވަނީ އެމްއެމްއޭ ސަރަހައްދުގައެވެ. ފުލުހުން ވަނީ މުޒާހަރާ ރޫޅައިލައި 10 މީހަކު ހައްޔަރުކޮށްފައެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ މަސްވެރިންގެ ޙައްޤުގައި އިދިކޮޅު ޕާޓީތަކުން އަޑު އުފުލުމުން ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ ޤާނޫނުއަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމާއި, އެއްވެ އުޅުމުގެ ޙައްޤަށް ހުރަސް އެޅުން ކަމަށެވެ.
ފުލުހުން އެ ގޮތަށް ޢަމަލުކުރީ ސީދާ ސަރުކާރުން އަންގައިގެން ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ޙުސައިން ގޮވައިލެއްވީ ޚިޔާލު ފާޅުކުރުމުގެ ޙައްޤަށް ހުރަސް އަޅައި, އަންހެނުންގެ ކަރާމާތަށް އަރައިގަނެފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙްޤީޤުކޮށް ދިނުމަށެވެ. ނަމަވެސް މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 08 މެންބަރުންނެވެ. ނުފެންނަކަމަށް 23 މެންބަރުން ވޯޓު ދެއްވުމުން ވަނީ މައްސަލަ ބޭރުކޮށްލައިފައެވެ.