ޝަރީފް އެފްއޭއެމްއަށް: ބަޔާން ނެރުއްވާނެ ކަމެއް ނެތް، ބިލު ދައްކާ ހަލާސް ކުރައްވާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ބަޔާން ނެރުއްވާނެ ކަމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ބިލު ދައްކާ ނިންމެވުމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ވ. އަތޮޅާއި ކ. އަތޮޅުގެ ރަށްތަކުގެ މަގު ބައްތި ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތާ ހަވާލުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެފްއޭއެމްއިން ކަރަންޓު ކަނޑާލައިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސްޓެލްކޯއިން ބުނީ ރުފިޔާ ދެެއްކުމަށް އެކި ފަހަރު މަތިން އަންގާފައިވާނެ ކަމަށެވެ. އަދި އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް އެފްއޭއެމްއަށް ދީފައިވީ ނަމަވެސް އެކަންވެސް ކޮށްފައިނުވާ ކަމަށެވެ.
ކަރަންޓު ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯއިން އެނގުމާ ގުޅިގެން އެފްއޭއެމް އިން ނެރުނު ބަޔާނެއްގައި ވަނީ، ވޭތުވެދިޔަ މުއްދަތުގައި ތެރޭގައި އެފްއޭމްގެ އިދާރާ އެފްއޭއެމް ހައުސް ތަފާތުއެކި ފަރާތްތަކުން ތަފާތުއެކި ބޭނުންތަކަށް ބޭނުންކޮށްފައި ވާއިރު އެހެން ބަޔަކު ބޭނުންކުރި ކަރަންޓަށް ޒިންމާވާން ޖެހޭ ކަމަށް ނުދެކޭ ކަމަށެވެ.
މިކަމާ ގުޅިގެން ޝަރީފް ވިދާޅުވީ އެކަން ހައްލުކޮށްދެއްވާނީ ކަރަންޓު ބިލު ދައްކައިގެން، ކަމަށާއި ކަރަންޓު ބިލު ނުދައްކާނަމަ އެފްއޭއެމަށް ކަރަންޓު ނުދެއްވާނެ ކަމަށެވެ. އަދި ސްޓެލްކޯއިން ކަރަންޓު ފީގެ ގޮތުގައި ނަގާ ފީން، ކަރަންޓު ހިދުމަތަށް އިންވެސްޓު ކުރާ ކަމަށާއި ރައްޔިތުންނަށް ދޭ ހިދުމަތްދީ، ތަރުތީބު ކުރަނީ އޭގެ މައްޗަށް ބިނާކޮށް ކަމަށް ޝަރީފު ވިދާޅުވިއެވެ.
“އަޅުގަނޑު ދައްނަވާނީ 6.5 މިލިއަން އަރަންދެކަ ކޮން ނިޔަތެއް އޮވެގެންތޯ އޮތީ، އަވަހަށް ފައިސާ ދައްކަވާ، އަޅުގަނޑު ދަންނަވާނީ އެފްއޭއެމްއަށް ބަޔާންތައް ނެރުއްވާނެ ކަމެއް ނެތޭ، އަޅުގަނޑުމެން ތިބޭފުޅުންނަށް ރައްދު ދީ ބަޔާން ނެރޭކަން ބޭނުމެއް ނެތް، އަވަހަށް އަޅުގަނޑުމެންނަށް ދައްކަން ޖެހޭ ބިލްތައް ދައްކަވާ ކަލާސްކުރައްވާ، އަޅުގަނޑުމެން ކަރަންޓު ދޭނަން” ޝަރީފް ވިދާޅުވިއެވެ.