ރަޝީދުގެ މަރު: ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފި
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ގދ.ހޯޑެއްދޫން އިއްޔެ ހައްޔަރުކުރިި އެ ރަށު ޢަބްދުﷲ ރަޝީދު (މާޓީ) ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމެވެ.
ޝިޔާމްގެ މައްސަލައިގައި ވަނީ ރަޝީދުގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށާއި, އެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ފުލުހުންގެ ބޮޑީކެމް ހާމަކުރުމަށް ގޮވާލައްވައިފައެވެ. އަދި މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަވަސް ތަޙްޤީޤެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލައްވައިފައެވެ.
ޝިޔާމްގެ މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވީ 17 މެންބަރުންނެވެ. ނަމަވެސް އެއާ ދެކޮޅަށް 26 މެންބަރަކު ވޯޓު ދެއްވިއެވެ.
ހޯޑެއްދޫ ސްޓިއަރިންގ ކޮމިޓީގެ ރައީސް ޢަބްދުﷲ ރަޝީދު މަރުވީ ފުލުހުން އޭނާ ހައްޔަރުކޮށްގެ ގެންގޮސް ލޯންޗެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔައިރު ވެސް އޭނާގެ މެޔަށް ތަދުވާކަމަށް ބުނަމުންދިޔަ ކަމަށާއި, ނަމަވެސް ފުލުހުން މިކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ދީފައި ނުވާކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ބުނެއެވެ. އަދި އޭގެ ފަހުން މަޑަވެލީ ސިއްހީ މަރުކަޒަށް ރަޝީދު ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.