ހަނިމާދޫ އެއާޕޯޓް ހިންގާނީ ދިވެހިން، އެއީ މިލިޓަރީ ތަނެއް ނޫން: ޢަބްދުލްޣަފޫރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓެއްނޫންކަމަށާއި، އެތަން ހިންގާނީ ދިވެހި ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
ޢަބްދުލްޣަފޫރު މޫސާ މިހެން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިއުންތަކާއި ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓު ވުޖޫދުވިފަހުން ފާއިތުވި 30 ހަކަށް އަހަރުގެ ތެރޭގައި އެތަނަށް ނުގެނެސްދެވުނު ތަރައްޤީއާއި ޒަމާނީ ކުރިއެރުން މި ސަރުކާރުން ގެނެސްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.
ހދ. ހަނިމާދޫ އިންޓަނޭޝަން އެއަރޕޯޓް ތަރައްޤީކުރުމަށް އިންޑިއާގެ ޖޭ.އެމް.ސީ ޕްރޮޖެކްޓްސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 25 ވަނަ ދުވަހުއެވެ.
ހަނިމާދޫ އެއަރޕޯޓް މިލިޓަރީ ތަނަކަށް ހަދަންއުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތައް ދޮގުކުރައްވާ މެންބަރު ޢަބްދުލްޣަފޫރު ވިދާޅުވީ، އެއީ އެއްވެސް އަސާސެއްނެތް ދޮގު ވާހަކަތަކެއްކަމަށެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުގެ ފުރިހަމަ ބާރު ހިނގާ މަޝްރޫޢެއްކަމަށާއި، އެތަން ހިންގާނީވެސް ދިވެހި ސަރުކާރުންކަމަށް މެންބަރު ވިދާޅުވިއެވެ.