އެއިރުވެސް ބުނީމެއްނު ސަލާމަތްވާނަމޭ، ކޮވިޑަށް މިހާރު އަހަރެން ނައްސި- އަބީޝޭކް

ކޮވިޑް-19 އަށް ފައްސިވީ ބޮލީވުޑްގެ އެކްޓަރ އަބީޝޭކް ބަޗަން ވެސް އެންމެ ފަހުން އެބަލިން ރަނގަޅު ވެއްޖެއެވެ.
އިންސްޓަގްރާމް މެދުވެރިކޮށް މިކަން އިއުލާނު ކުރަމުން އަބީޝޭކް ބުނީ ކޮވިޑަށް އެންމެ ފަހުން ހެދި ޓެސްޓުގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށާއި ނަތީޖާ ނައްސި ކަމަށެވެ.
"ވައުދެއް ވާނީ ވައުދަކަށް ދޯ؟ އަހަރެން އެއިރުވެސް ބުނީމެއްނު މީގެން ސަލާމަތް ވާނަމޭ. ކޮވިޑް-19 އަށް މިހާރު އަހަރެން ނައްސި" އަބީޝޭކް ބުނެފައިވެއެވެ.

އަބީޝޭކް ވެސް މިހާރު ގެއަށް ދޫކޮށްލާފައިވާއިރު، އޭނާއާއެކު ނާނާވަތީ ހޮސްޕިޓަލުގައި އެޑްމިޓު ކުރި އޭނަގެ ބައްޕަ އަދި ބޮލީވުޑްގެ މެގާ ސްޓާރ އަމީތާބް ބަޗަން ވެސް މިހާރު ވަނީ މިބަލިން ރަނގަޅު ވެފައެވެ. އަމީތާބު ގެއަށް ދޫކޮށްލީ މިދިޔަ ހަފްތާގައެވެ.
އުމުރުން 44 އަހަރުގެ އަބީޝޭކް އާއި 77 އަހަރުގެ އަމީތާބު ކޮވިޑަށް ފައްސިވެގެން އެޑްމިޓު ކުރީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުގައެވެ. އެއާއިލާއިން ދެން މިބައްޔަށް ފައްސިވީ އަބީޝެކްގެ އަންހެނުން އައިޝްވާރްޔާ ރާއީ ބަޗަން އާއި އެމީހުންގެ އަށް އަހަރުގެ ދަރިފުޅު އާރަދްޔާ ބަޗަން އެވެ.
ގާތްގަނޑަކަށް މަހެއް ފަހުން އަނބުރާ ގެއަށް ދެވޭ ކަމަށްޓަކައި އަބީޝެކް ވަނީ އޭނާ އަށާއި އޭނަގެ އާއިލާއަށް ފަރުވާ ދިން ޑޮކްޓަރުންނާއި ނަރުހުންނަށް ޝުކުރު އަދާކޮށްފައެވެ.