ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

ބައި-އިލެކްޝަންތައް މަދުކުުރުމަށް ތާއީދެއް ނުލިބުނު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް/ ފޮޓޯ: މަޖިލިސް

ބައި-އިލެކްޝަންތައް މަދުކުުރުމަށް ލޯކަލް ކައުންސިލުތަކުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

Ads by MWSC

އިންތިޚާބުތައް މަދުކުރުމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ހުށަހެޅުއްވި އިސްލާހަކީ މި ވަގުތަށް މުހިންމު އިސްލާހެއް ނޫންކަމަށް ލާމަރުކަޒީ ކޮމިޓީން ވަނީ ނިންމައިފައެވެ. އަދި ބައެއް އިސްލާހުތައް މަދުކުރުމަށް ކޮމިޓީން ނިންމާފައިވުމުން އިސްލާހުގެ މަގުސަދު ގެއްލިފައިވާތީ އިސްލާާހު ބަލައިނުގަތުމަށް ވޯޓު ދެއްވުމަށް ވެސް ލާމަރުކަޒީ ކޮމިޓީން ވަނީ ލަފާދެއްވައިފައެވެ.

އެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން ބިލު ފާސްނުކުރުމަށް 48 މެންބަރަކު ވޯޓު ދެއްވިއެވެ. ނަމަވެސް ފާސްކުރުމަށް ވޯޓުދެއްވީ އެންމެ ދެ މެންބަރުންނެވެ.
ބިލު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް އެހުމުން ވެސް ފާސްވާ ގޮތެއް ނުވިއެވެ.

އިންތިޚާބުތައް މަދުކުރުމާ ގުޅޭ ގޮތުން މެންބަރުން ބިލަށް ބަހުސް ކުރެއްވި ވަގުތު މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ބައި އިލެކްޝަންތަކަކީ ރައްޔިތުން ޑިމޮކްރަސީއަށް އަހުލުވެރި ކުރުވަން ހިންގާ ހަަރަކާތެއް ކަމަށާއި އެފަދަ އިންތިޚާބުތަކުން ޕާޓީތަކުގެ މެދުގައި އޮތް މަގުބޫލުކަން ހުރި މިންވަރު ދޭތެރެދޭތެރެއިން ސާފުވާ ކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑަބްލިޔުޑީސީ އިންތިޚާބުތަކަށް ދާ ޚަރަދަކީ 160,000 ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް މަޖިލީހުގެ ސައިގެ ޚަރަދު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ދެކެވަޑައިގަންނަވާ ގޮތުން ބައި އިލެކްޝަންތައް މަދުކުރުމުގެ ވާހަކަ ދައްކަނީ އިންތިޚާބުތަކުގައި ކެމްޕޭނު ކުރުމަށް ދަތިވާތީއެވެ.

މި އިސްލާހު ބޭރުކޮށްލިއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ގިނައިން ބާއްވަން ޖެހުމުގެ ސަބަބުން ބޮޑު ޚަރަދެއް ހިނގާކަމަށް ބުނެ މީގެ ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި އިލެކްޝަން ކޮމިޝަނުން ވަނީ ޝަކުވާ ވެސް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!