ޗައިނާގެ ފާޑު ކިޔުން ރަޝިއާއަށް؛ ނިއުކްލިއަރ ހަތިޔާރަކީ ޖަވާބެއް ނޫން
މިހާރު ކުރިއަށްދާ ޔޫކްރެއިން ރަޝިއާ ހަނގުރާމާގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށްބުނެ ބިރުދައްކަމުން ދިއުމަކީ ވަރަށް ޒިންމާދާރުކަންކުޑަ ކަމެއް ކަމަށް ޗައިނާގެ ޕްރިމިއަރ ލީ ކެޒިއަންގް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ލީ މިހެން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހު ކެމްބޯޑިއާ ގައި ކުރިއަށްދިޔަ އީސްޓް އޭޝިއާ ސަމިޓްގައެވެ.
މި ސަމިޓްގައި ލީި ވަނީ ޗައިނާއިން ޔޫކްރެއިނާ ދޭތެރޭ ގެންގުޅެ ސިޔާސަތާ ގުޅޭ ގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަދައްކަވާފައެވެ. އެގޮތުން ގައުމުގެ އިސްތިގުލާލާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާއިރު، ލީ ވަނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށް ބުނެ ބިރުދެއްކުމަކީ ޒިންމާދާރުކަންކުޑާ ކަމެއް ކަމަށް ވިދާޅުވެ ވަނީ ވާހަކަދައްކަވާފައެވެ. އަދި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު ފަހިނުވާނެ ގޮތަށް ފިޔަވަޅުތައް އަޅަންޖެހޭކަމަށް ލީ ވިދާޅުވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
ޔޫކްރެއިން ރަޝިއާ ހަނގުރާމައާ ގުޅުވައިގެން ރަޝިއާއިން ޒިންމާދާރުކަން ކުޑަގޮތަކަށް ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާނެ ކަމަށްބުނެ ރަޝިއާއިން ވާހަކަދައްކަމުންދާކަމުގެ ތުހުމަތު ހުޅަނގުގެ ގައުމުތަކުން ވަނީ ކޮށްފައެވެ. އަދި ރަޝިއާއިން ވަނީ ހުޅަނގުން އެފަދަ އިންޒާރުތައް ދެމުންދާކަމުގެ ތުހުމަތުވެސް ކޮށްފައެވެ.
އެމެރިކާގެ އޮފިޝަލާ ހަވާލާދީ ރޮއިޓަރސްއިން ވަނީ ރަޝިއާއިން މިހާރު ނިންމަމުންދާ ކަންތައްތަކުގެ ތެރޭގައި ޗައިނާއިންވެސް ހިތްހަމަ ނުޖެހޭފަދަ ކަންކަން ހުރިކަން ފާހަގަވާކަމަށް ރިޕޯޓުކޮށްފައެވެ.