ދުނިޔެ

ސުނަކްއާ މޯދީ ބައްދަލު ކުރައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބުދަ ދުވަހު ބާލީގައި ބޭއްވި ގްރޫޕް އޮފް 20 ސަމިޓްގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކްއާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

މިއީ މިދިޔަ އޮކްޓޯބަރު މަހު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރަކަށް އިންޑިއާ ނަސްލަށް ނިސްބަތްވާ ސުނަކް އާއި މޯދީ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބުދަ ދުވަހު ސުނަކްގެ އޮފީހުން ބުނީ އިނގިރޭސިވިލާތުން އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި، އެ އެއްބަސްވުމަށް އެއްބަސްވެއްޖެނަމަ މިއީ ޔޫރަޕްގެ ގައުމަކާއެކު ނިއުދިއްލީން ހަދާ މިފަދަ ފުރަތަމަ އެއްބަސްވުން ކަމަށެވެ.

ސުނާކްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި އިންޑިއާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމުގެ އެއްބަސްވުމަކަށް އެ ބޭފުޅުން އިންތިޒާރު ކުރައްވާ ކަމަށާއި އެ އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، ވަޒީފާތައް އިތުރުކުރުމުގެ އިތުރުން ސަގާފީ ގޮތުން އޮތް ގާތް ގުޅުން ތައް ފުޅާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި ބައްދަލުވުމަށްފަހު މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށާއި، އިންޑިއާގެ ދިފާއީ އިޞްލާޙުތަކާ ގުޅިގެން ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފުރުޞަތު އިތުރުކުރުމާއި، ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

މޯދީ ވިދާޅުވީ އިނގިރޭސިވިލާތާ އެކު އޮންނަ "ހަރުދަނާ ގުޅުމަކީ" އިންޑިއާއަށް ވަރަށް މުހިންމު ގުޅުމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!