ދުނިޔެ

ޓްރޫޑޯއާއި ޝީ ޒުވާބަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މިދިޔަ ބުދަ ދުވަހު ބާލީގައި ކުރިއަށްދާ ޖީ-20 ސަމިޓުގެ ހަވާސާގައި ދެއްކެވި ވާހަކަތައް ލީކްވި ކަމަށް ބުނެ ރައީސް ޝީ ކޯފާ އިސް ކުރައްވައިފިއެވެ.

Ads by Sosun Fihaara

އެ ދެ ބޭފުޅުންގެ މުއާމަލާތްތަކާ ބެހޭ ގޮތުން މީޑިއާތަކުން ރިޕޯޓް ކުރާ ކަމުގެ ޝަކުވާ ޗައިނާގެ ލީޑަރު ކުރެއްވި ކަމަށް ކެނެޑާގެ ނޫސްވެރިޔަކު އާންމުކުރި ބައްދަލުވުމުގެ ވީޑިއޯއަކުން ފެނެއެވެ.

"އަޅުގަނޑުމެން މަޝްވަރާކުރި ހުރިހާ ވާހަކައެއް ކަރުދާސްތަކަށް ލީކުވެއްޖެ، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ޝީގެ ތަރުޖަމާނު، ޓްރޫޑޯ ކައިރީ ވިދާޅުވިއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި، ޓްރޫޑޯ ބޯ ޖަހާލުމާއެކު ޝީ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ތިޔަބޭފުޅުންގެ ފަރާތުން އިޚްލާޞްތެރިކަމެއް އޮތްނަމަ، އަޅުގަނޑުމެންގެ މަޝްވަރާތައް ކުރިއަށް ގެންދާނީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމުގެ ވިސްނުމަކުން، އެހެން ނޫންނަމަ އަންދާޒާ ނުކުރެވޭ ވަރުގެ ނަތީޖާތަކެއް ނުކުންނާނެ،" މެންޑަރިން އިން ކެނެޑާގެ ލީޑަރަށް ޝީ ވިދާޅުވިއެވެ.

ރައްދުގައި ޓްރޫޑޯ ބުނެފައިވަނީ، "ކެނެޑާގައި ގަބޫލުކުރަނީ މިނިވަން އަދި ހުޅުވާލެވިފައިވާ އަދި ފާޅުކަން ބޮޑު ޚިޔާލުފާޅު ކުރުމަށް،" ކަމަށެވެ. ޓްރޫޑޯ ވިދާޅުވި ގޮތުގައި އެކުގައި ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި ނަމަވެސް ދެބަސްވާނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ޝަރުތުތައް ހައްދަވާށޭ،" ވީޑިއޯގައި ޝީގެ ފަރާތުން ތަރުޖަމާނު ވިދާޅުވާތަން ފެނެއެވެ. އެއަށްފަހު ޗައިނާގެ ލީޑަރު ޓްރޫޑޯގެ އަތްޕުޅުގައި ފިރުމާލައްވައި، އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުންނާއެކު ދުރަށް ޖެހިވަޑައިގަތެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!