ކަންދިމާ ކުރި ގޮތުން، ރިޒާވްގައި ހުރި އަދަދު އެނގޭ، ހާމަ ކުރެވިދާނެ: ނަޝީދު
ކަންދިމާކުރި ގޮތުން، ރިޒާވްގައި މިހާރު ހުރި ފައިސާގެ އަދަދު އެނގިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރިޒާވުގައި ހުރި މިންވަރު ހާމަކުރަން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ސިޓީއަކުން އެދިވަޑައިގެންފައިވާތީ، ރައީސް ނަޝީދު ވިދާޅުވީ އެ އަދަދު އޭނާއަށް ދެއްވިދާނެ ކަމަށެވެ.
އާދަމް ޝަރީފްގެ ސިޓީގައި ވަނީ ސަރުކާރުން އަންނަ އަހަރުގެ ބަޖެޓާއެކު މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅުމުން ފާއިތުވި ހަތަރު އަހަރު ސަރުކާރުގެ އިސްރާފާއި ކޮރަޕްޝަން ބޮޑުވުމާއި ދައުލަތުގެ މާލިއްޔާގެ ކަންކަން ރަނގަޅަށް ނުބަލަހައްޓާކަމުގެ ތުހުމަތު ސަރުކާރަށް އަމާޒުވާ ކަމަށެވެ.
އަދި ރާއްޖޭގެ މާލީ ހާލަތާ ބެހޭ އެންމެ ފަހުގެ ސައްހަ މައުލޫމާތު ސަރުކާރުން ހާމަ ނުކުރާތީ ރައްޔިތުން ކަންބޮޑުވާ ކަމަށާއި، ސަރުކާރުގެ ދަރަނި އެއް އަހަރުން އަނެއް އަހަރަށް ބޮޑުވަމުންދާތީއާއިއެކު އަސާސީ ކަންކަމަށް ބޭނުންވާ ތަކެއްޗާއި ކާޑާއި ތެޔޮ އެތެރެކުރަން ބޭނުންވާ މިންވަރަށް މާލީ ތަނަވަސްކަން ރާއްޖޭގައި ނެތްކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ތެރޭގައި އޮތްކަންވެސް، ސިޓީގައި ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޒާވްގައި ހުރި އަދަދު ގްރޮސް ރިޒާވުން ބަލާނެ ގޮތް އާދަމް ޝަރީފަށް ކިޔައި ދެއްވިދާނެ ކަމުގައެވެ.
"އެބޭފުޅާ(އާދަމް ޝަރީފު، އެދިވަޑައިގަންނަވަނީ، ރިޒާވްގަ ހުރި އަދަދު ސާފުކޮށްދިނުމަށް. ކަންދިމާކޮށްފަވާ ގޮތުން އެ އަދަދު އަޅުގަނޑަށް އިނގޭ. އެހެންވީމަ، އިއްޒަތްތެރި މެމްބަރުގެ އަރިހުގަ ދެންނެވިދާނެ. ނޫންނަމަ، އަޅުގަނޑަށް، އިއްޒަތްތެރި މެމްބަރު ވިދާޅުވެފައިވާތީވެ، އަނެއްކާވެސް، ސިޓީއެއް، އެމްއެމްއޭ ގަވަރުނަރަށް ލިޔުއްވުމަށްފަހުގަ، އެ އަދަދު އިއްޒަތްތެރި މެމްބަރަށް ދެއްވިދާނެ. ނޫންނަމަ، އިއްޒަތްތެރި މެމްބަރަށް އަޅުގަނޑަށް ކިޔައި ދެވިދާނެ، ގްރޮސް ރިޒާވުން ޔޫޒަބަލް ރިޒާވް، ހިސާބު ޖަހާ ގޮތް. ގްރޮސް ރިޒާވް އެއީ އާންމުކޮށް ޝާއިއު ކުރާ މައުލޫމާތު."
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން މިހާރު ޔޫޒަބަލް ރިޒާވް އާންމުކުރައްވަމުން ނުދިޔަ ނަމަވެސް، އެ އިދާރާ އިން އާންމު ކުރައްވާފައިވާ ރަސްމީ ރިޒާވްގެ ތަފާސްހިސާބުތަކަށް ބަލައިގެން، ބޭނުން ކުރެވޭ ގޮތަށް ހުންނަ ރިޒާވް ބެލޭނެއެވެ.