ބްރެޒިލްގައި ބިންގަނޑު ކަނޑައިގެން ގޮސް ދެ މީހަކު މަރުވެ، ގިނަ ބަޔަކު ގެއްލިއްޖެ

ބްރެޒިލްގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޕަރަނާއަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ދެ މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ.
ބޯކޮށް ވާރޭވެހުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ބްރެޒިލްގެ ބީއާރް-376 ހައިވޭއަށް އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މަގުގެ 200 މީޓަރު (656 ފޫޓު) ވަނީ ވެއްޓިފައެވެ.
ފަޔާ ޑިޕާޓްމަންޓުގެ މަންދޫބަކު އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ 30 އާއި 50 އާ ދެމެދުގެ އަދަދަކަށް މީހުން ގެއްލިފައިވާ ކަމަށް އަންދާޒާ ކުރާ ކަމަށެވެ.
މަންދޫބު އިތުރަށް ވިދާޅުވީ އަސްކަރީ ފުލުހުންނާއި ސިވިލް ޑިފެންސް އަދި ރެސްކިއު ޓީމްތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި އެ ސަރަހައްދު ސާފުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ސަބަބުން 680 މީހުންނާއި 500 އަށްވުރެ ގިނަ ގެތަކަށް ގެއްލުން ވެފައިވާ އިރު އޭގެ ތެރެއިން ބައެއް ގެތައް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.
ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުމުގެ ސަބަބުން ހައިވޭތަކަށް ގެއްލުންވެ، ބަނދަރުމަތުން މުދާ ބޭރު ކުރުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.