ޚަބަރު

އުރުގުއޭ ވޯލްޑްކަޕާ ވަކިވާން ޖެހުނީ ޕޯޗުގަލްއަށް ދިން ޕެނަލްޓީގެ ސަބަބުން ކަމަށް ބުނެފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އުރުގުއޭގެ ކޯޗު ޑިއޭގޯ އަލޮންސޯ--

ޤަތަރުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ފީފާ ވޯލްޑް ކަޕްގައި، ގްރޫޕް ސްޓޭޖުން އުރުގުއޭ މުބާރާތާ އަލްވަދާޢު ކިޔަން ޖެހުނީ ޕޯޗުގަލް އަށް ދިން ޕެނަލްޓީގެ ސަބަބުން ކަމަށް އެ ޓީމުން ބުނެފިއެވެ.

Ads by STELCO

އުރުގުއޭގެ ކޯޗު ޑިއޭގޯ އޮލޮންސޯ، މެޗަށް ފަހު ދެއްކި ވާހަކައިގައި ބުނީ އެޓީމު މުބާރާތުން ކެޓީ ޕޯޗުގަލް މެޗުގައި ދިން ޕެނަލްޓީގެ ސަބަބުން ކަމަށެވެ. އަދި ޕޯޗުގަލްއަށް ދިން ޕެނަލްޓީ އަކީ ދީގެން ނުވާނެ ޕެނަލްޓީއެއް ކަމަށް ފީފާ އިންވެސް ބުނިކަން އޭނާ ފާހަގަ ކުރިއެވެ.

ގްރޫޕްގެ ފަހު މެޗުގައި ރޭ ގާނާ އަތުން 2-0 އިން އުރުގުއޭ މޮޅުވިއެވެ. މި މޮޅާއެކުވެސް، އެ ޓީމު މުބާރާތުން ކެޓީ ގްރޫޕްގެ ދެކުނު ކޮރެއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ، ލަނޑުގެ ތަފާތުން ކޮރެއާގެ ޓީމު މޮޅުވުމުންނެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް އާ އުރުގުއޭ ބަައްދަލުކުރި މެޗު 2-0 އިން ޕޯޗުގަލް ކާމިޔާބު ކުރިއިރު، އެ މެޗުގައި ޕޯޗުގަލްއަށް ޕެނަލްޓީއެއް ލިބުނެވެ. އެ މެޗުގައި ޕޯޗުގަލްއަށް ޖެހުނީ އެއްް ލަނޑުނަމަ، ލަނޑުގެ ތަފާތުން މޮޅުވެގެން އުރުގުއޭގެ ޓީމަށް މުބާރާތުގެ ދެވަނަ ބުރަށް ދެވުނީހެވެ.

ގްރޫޕްގެ މެޗުތައް ނިމުނުއިރު އުރުގުއޭ އާއި ކޮރެއާ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. މި ގްރޫޕްގެ އެއްވަނައިގައި ދެވަނަ ބުރަށް ދަތުރުކުރީ ޕޯޗުގަލްއެވެ. ގްރޫޕްގެ މެޗުތައް ނިމުނު އިރު ޕޯޗުގަލްއަށް ލިބެނީ ހަ ޕޮއިންޓެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!