މަޖިލީހުގެ ކަންކަމުގެ ތެރެއަށް ހެލްތު މިނިސްޓްރީ ނުވަނުމަށް ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތުގެ ތެރެއަށް ނުވަނުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހެލްތު މިނިސްޓްރީއަށް ގޮވާލައްވައިފިއެވެ.
ނަޝީދު މިކަމަށް ގޮވާލެއްވީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް ފަސް ޑޮކްޓަރަކު ހާޒިރުވެ ހެލްތު މިނިސްޓްރީގެ މަސައްކަތް ފާޑުވިދާޅުވުމާ ގުޅިގެން އެ މިނިސްޓްރީން ނޫސް ބަޔާނެއް ނެރުމާ ގުޅިގެންނެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލިސް ހިންގަންވީ ގޮތް ދޭހަވާ ގޮތަށް ހެލްތު މިނިސްޓްރީން ބަޔާނެއް ނެރެފައިވާ ކަމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވައި ބެހި ވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ.
"އަޅުގަނޑު އެ މިނިސްޓްރީއަށާއި އެ މިނިސްޓްރީގެ މުވައްޒަފުންނަށާއި މިނިސްޓަރަށް ވަރަށް އިހުލާސްތެރިކަމާ އެކު ދަންނަވަން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު ގަނޑުބަނޑު ނުކޮށްލުމަށާއި މަޖިލީހުން ކުރާ ކަންކަމަށް އެ ބާވަތުގެ ނޫސް ބަޔާން ނެރުއްވާއި ބެހި ވަޑައިނުގަތުމަށް،" ނަޝީދު ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން ބަޔާން ނެރެފައި ވަނީ މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވުމުން އެކަން ކުށްވެރިކޮށެވެ.