ދުނިޔެ

އަފްގާނިސްތާނުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 19 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ އުތުރުގައިވާ ޕަރްވާން ޕުރޮވިންސުގައި ދަތުރުކުރަމުން ދިޔަ ތެޔޮ ޓޭންކަރެއްގައި ރޯވެ، 19 މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ޕަރްވާންގެ ސަލަންގް ޕާސް ހުރަސްކޮށް ވެރިރަށް ކާބުލްއާ ދިމާލަށް ތެޔޮ ޓޭންކަރު ދަތުރު ކުރަމުންދިޔަ މަގުމަތީގައެވެ.

Ads by WAMCO

ތެޔޮ ޓޭންކަރުގައި ރޯވީ، ކޮންޓްރޯލް ނުވެ ފޮރުޅައިލުމަށް ފަހުއެވެ. މި ހާދިސާގައި ޓޭންކަރުގައި ރޯވި އަލިފާންގަނޑު، މަގުގައި ދަތުރު ކުރަމުންދިޔަ އެހެން އުޅަނދުތަކަށް ފެތުރުނު ކަމުގައި އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި 32 މީހަކަށް ބޮޑެތި ޒަޚަމުތަކެއް ލިބުނެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށާއި، ގިނަ ބަޔަކު މަރުވީ ފިހިގެން ކަމުގައި ޕަރްވާންގެ ޞިއްޙަތާ ބެހޭ އޮފިޝަލެއް ކަމުގައިވާ ޢަބްދުالله އަފްޣާން މާލް ވިދާޅުވިއެވެ. އަދި، ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާދެމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސަލަންގް ޕާސް ވަނީ ބަންދުކޮށްފައެވެ. ޕަރްވާންގެ ފަރުބަދަމަތީ ސަރަޙައްދެއްގައި އޮންނަ މި މަގަކީ، އަފްޣާނިސްތާނުގެ އުތުރުގެ ސަރަޙައްދުތަކާއި ވެރިރަށް ކާބުލް ގުޅައިދޭ މައި މަގެވެ. ކާކުކަން ދެނެނުގަނެވޭ ވަރަށް ބައެއް މީހުންގެ ހަށިތައް އަނދާފައިވާއިރު، ފިހިފައިވާ މީހުން ހޮސްޕިޓަލަށް ގެންދިޔުމަށް ހެލިކޮޕްޓަރު ބޭނުންކޮށްގެން އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސަލަންގް ޕާސްއަކީ 1950ގެ އަހަރުތަކުގެ ތެރޭގައި ބިނާކޮށްފައިވާ މަގެކެވެ. މި މަގު އޮންނަނީ ހިންދު ކުޝް ފަރުބަދަމަތީ ސަރަޙައްދުގައި 3,650 މަތީގައެވެ. އެއީ، ގުދުރަތީ ހާދިސާތައް ޢާންމުކޮށް ހިނގާ ސަރަޙައްދެކެވެ. 2010ވަނަ އަހަރު އެ ސަރަޙައްދުގައި ހިނގި އައިސްއާއި ގަނޑުފެން ފޭބުމުގެ ހާދިސާއެއްގައި 150 މީހުން މަރުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!