ޚަބަރު

މިރޭގެ މުޒާހަރާއިން ހައްޔަރު ކުރި މީހުންގެ އަދަދު 21އަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް-ޕީއެންސީން މިރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން 21 މީހަކު ހައްޔަރު ކޮށްފިއެވެ.

Ads by Hajj Corporation

ރައީސް ޔާމީން އަބްދުލްޤައްޔޫމް، 11 އަހަރަށް ޖަލަށް ލުމަށް، މިމަހުގެ 25 ވަނަ ދުވަހު ދަށު ކޯޓުން ކުރެއްވި ޙުކުމާ ގުޅިގެން، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، ޕީޕީއެމް-ޕީއެންސީގެ ކޯލިޝަނުން ދަނީ އިޙްތިޖާޖު ކުރަމުންނެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދާ އެއްވުންތަކުގެ ތެރެއިން، މިރޭގެ އެއްވުމުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދުވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ޔާމީން މިނިވަން ކުރަންދެން، ހުއްޓައިނުލާ މުޒާހަރާތައް ކުރިއަށް ގެންދިޔުމަށް އިދިކޮޅުން ވަނީ ނިންމައިފައެވެ.

އެ ކޯލިޝަނުން ބުނެފައިވަނީ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ކުރާ މުޒާހަރާތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރުގަދަ ކުރާނެކަމަށާއި،  އެކަން ފުލުހުންނަށްވެސް އަންގާފައިވާނެ ކަމަށެވެ.

އަދި ފުލުހުން ހުއްދަ ނުދިންނަމަވެސް، މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!