ބޮލީވުޑް މުނިފޫހިފިލުވުން

މަންމައަކަށް ވިޔަސް މަސައްކަތް ލިބޭނެކަމަށް ގަބޫލުކުރަން: އާލިއާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ތަރި އާލިއާ ބަޓް

ބޮލީވުޑްގެ ތަރި އާލިއާ ބަޓް، އޭނާގެ އެންމެ ޕީކް ދުވަސްވަރު ކައިވެނިކޮށް ދަރިއަކު ހޯދުމާއި ގުޅޭގޮތުން މީޑިއާގައި ވާހަކަ ދައްކައިފި އެވެ.

Ads by Sosun Fihaara

2012 ވަނަ އަހަރު "ސްޓޫޑެންޓް އޮފް ދި ޔާ" އިން ބޮލީވުޑަށް ނިކުތް އާލިއާ އޭނާގެ 10 އަހަރުވީ އެކްޓިންގް ކެރިއަރުގައި 34 ފިލްމު ވަނީ ކުޅެފަ އެވެ. އޭނާގެ ފުރަތަމަ ފިލްމުންވެސް ބެލުންތެރިންގެ ޝައުގުވެރިކަން އާލިއާ ދަމައިގަތެވެ.

އެހެންނަމަވެސް އާލިއާގެ އެކްޓިންގްގެ މޮޅުކަން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2016 ވަނަ އަހަރު ނިކުތް "އުޅުތާ ޕަންޖާބް" އިންނެވެ. އެ ފިލްމަށްފަހު "ރާޒީ"، "ގަލީ ބޯއީ" އަދި "ގަންގޫބާއީ ކަތިއަވަޑީ" ފަދަ ފިލްމުތަކުން އާލިއާ ބޮލީވުޑްގެ އެންމެ އުހަށް އެރި އެވެ. ނިމިގެން މިދިޔަ 2022 ވަނަ އަހަރު އާލިއާ ނިންމައިލީ 200 ކްރޯރް ކްލަބުގެ ދެ ފިލްމާއެކު އެވެ. އެއީ "އާރްއާރްއާރް" ގެ އިތުރުން "ބްރައްމާސްތުރަ- ޕާޓް ވަން: ޝިވާ" އެވެ.

2019 ވަނަ އަހަރުން ފެށިގެން އާލިއާ ގެންދިޔައީ އެންމެ މޮޅު ބަތަލާގެ އެވޯޑުތައްވެސް އުފުލަމުންނެވެ. އެހެންނަމަވެސް ކުއްލިއަކަށް ބެލުންތެރިން ސިއްސުވައިލީ އާލިއާގެ ކުއްލި ކައިވެންޏާއި އެއަށްވުރެއްވެސް ކުއްލިއަކަށް ފެންމަތިވި ބަލިވެއިންކަމުގެ ހަބަރުންނެވެ.

އާލިއާއާއި ކާމިޔާބު އެކްޓަރު ރަންބީރު ކަޕޫރު ކައިވެނި ކުރީ 5 އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެވެ. އެހެންނަމަވެސް 2020 ވަނަ އަހަރާއި ހަމައަށް މިކަން އޮތީ ބޮޑު ސިއްރެއްގެ ގޮތުގަ އެވެ.

މިދިޔަ 2022 ވަނަ އަހަރު ކައިވެނިކޮށް އަހަރުގެ ފަހުކޮޅު އާލިއާ ވަނީ ފުރަތަމަ ދަރިފުޅު ވިހައިފަ އެވެ. އޭނާގެ ފަހު ފިލްމު "ބްރައްމާސްތުރަ" ޕްރޮމޯޓު ކުރީވެސް ބަނޑު ބޮޑު ދުވަސްވަރެވެ. އަނެއްކޮޅުން އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިންގެ ފަހު ދުވަސްތައްވެސް ކުރިއަށް ގެންދިޔައީ ބަނޑު ބޮޑުކޮށް ހުރެ އެވެ.

2023 ވަނަ އަހަރު ފެށުމުގެ ގޮތުން އާލިއާ އާއި ރަންބީރު ވަނީ އެމީހުންގެ ގޭގައި ޕާޓީއެއް ބާއްވައިފަ އެވެ. މި ޕާޓީގެ ތެރެއިން އީ ޓައިމްސްއާއި ވާހަކަ ދައްކަމުން އާލިއާ ބުނީ ކައިވެނިކޮށް ދަރިއަކު ހޯދަން ނިންމި ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށެވެ. އެއީ މިއީ އާލިއާގެ އެންމެ ޕީކް ދުވަސްވަރަށް ވެފައި، ދަރިއަކު ހޯދައިފިނަމަ ޕްރޮޖެކްޓުތައް ގެއްލިދާނެކަމުގެ ބިރު އޮތުމުންކަމަށް އޭނާ ބުންޏެވެ.

ބޮލީވުޑްގެ ގިނަ ޕްރޮޑިއުސަރުން ދެކޭ ގޮތުގައި އަންހެން އެކްޓަރަކު ކައިވެނި ކުރާ ހިސާބުން އޭނާއަށް އޮންނަ ޑިމާންޑު ވެއްޓެ އެވެ. އަދި ދަރިއަކު ހޯދައި މަންމައަކަށް ވާ ހިސާބުން އާންމުން އެ އެކްޓަރަކާއިމެދު ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެ އެވެ. އެހެންވެ އެ އެކްޓަރަކަށް ފިލްމު އޮފާތައް ދިނުން ވަރަށް ބޮޑަށް މަދުވެ އެވެ.

އެހެންނަމަވެސް އާލިއާ ބުނީ މަންމައަކަށް ވިޔަސް ރަނގަޅަށް މަސައްކަތް ކުރަން އަޒުމު ކަނޑައަޅައިފިނަމަ އަދިވެސް ކުރިއަށް ދެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. ދަރިފުޅާއެކު ދުވަސްކޮޅެއް ހޭދަކޮށްފައި އަލުން ސްކްރީނަށް އަންނާނެ ކަމަށާއި ދެންވެސް ރަނގަޅު މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ދޭކަމަށް އާލިއާ ބުންޏެވެ.

ބޮލީވުޑް ތަރިންގެ ތެރެއިން ގިނަ އަންހެން ތަރިން ކައިވެންޏަށްފަހު ސްކްރީނުން ގެއްލެ އެވެ. ދެން އަނބުރާ ސްކްރީނަށް އަންނަނީ އަހަރުތަކެއް ފަހުންނެވެ. އެހެންނަމަވެސް މިގޮތަށް އަންނައިރު އެ އެކްޓަރުންގެ ޑިމާންޑު އޮންނަނީ ވެއްޓިފަ އެވެ. މިފަދަ ބައެއް ތަރިންގެ ތެރޭގައި މާދުރީ ދިކްޝިތު، ކަރިޝްމާ ކަޕޫރު، ރަވީނާ ޓަންޑަން، އައިޝްވާރިޔާ ރާއީ ބައްޗަން ފަދަ ތަރިން ހިމެނެ އެވެ.

އެހެންނަމަވެސް ބައެއް ތަރިން ދަނީ ކައިވެންޏަށްފަހުވެސް ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ތަރިއަކީ ބަތަލާ ދިޕިކާ ޕަދުކޯން އެވެ. މީގެ އިތުރުން ކަރީނާ ކަޕޫެރުވެސް ކައިވެނިކޮށް ފުރަތަމަ ދަރިފުޅު ހޯދައިގެންވެސް ރަނގަޅު ފިލްމުތަކެއް ކުޅުނެވެ. އެހެންނަމަވެސް ދެވަނަ ދަރިފުޅަށްފަހު އަދި އޭނާެ ފިލްމެއް ނުކުޅެ އެވެ. ދެވަނަ ފަހަރަށް ވިހި ފަހުން ކަރީނާގެ "ލާލް ސިންގް ޗައްޑާ" ސިނަމާގައި އެޅުވި ނަމަވެސް އެއީ ކުރިން ޝޫޓުކުރި ފިލްމެކެވެ. މި ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނީ ފިނި ތަރުހީބެކެވެ.

މިހާތަނަށް އައިއިރު އާލިއާ އެއްވެސް ފިލްމަކަށް ސޮއިކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މި އަހަރުގެ ފަހުކޮޅު އާލިއާ ފިލްމަކަށް ސޮއި ކުރާނެ އެވެ. އޭނާގެ ހޮލީވުޑް ފިލްމުވެސް މިއަހަރު ފަހުކޮޅު ނިކުންނާނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!