މެދުއިރުމަތި ދުނިޔެ

ކާބުލްގެ އަސްކަރީ ވައިގެ ބަނދަރު ބޭރުގައި އެއްޗެއް ގޮއްވާލައިގެން އެތައް ބަޔަކު މަރުވެއްޖެ

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އަސްކަރީ ވައިގެ ބަނދަރުގެ ބޭރުގައި އެއްޗެއް ގޮއްވާލައިގެން އެތައް ބަޔަކު މަރުވެފައިވާ ކަމަށް ތާލިބާނުންގެ ދާޚިލީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

"މިއަދު ހެނދުނު ކާބުލް މިލިޓަރީ އެއާޕޯޓުގެ ބޭރުގައި ބޮމެއް ގޮއްވާލާފައިވާ ކަމަށާއި އޭގެ ސަބަބުން އަޅުގަނޑުމެންގެ އެތައް ރައްޔިތުންނެއް ޝަހީދުވެ ޒަހަމްވި،" ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ތަރުޖަމާނު އަބްދުލް ނާފީ ޓަކޯރު ވިދާޅުވި އެވެ.

ނަމަވެސް ބޮން ގޮއްވީ ކޮން ބާވަތެއް ކަމެއް ނުވަތަ ޓާގެޓެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. ބޮން ގޮއްވާލުމުގެ ޒިންމާ އަދި އުފުލާފައެއް ނުވެއެވެ.

އެ ސަރަހައްދުގެ މީހުން ބުނި ގޮތުގައި ހެނދުނު 8:30 ގެ ކުރިން ބާރު ގަދަ ގޮވުމެއްގެ އަޑު އިވުނެވެ. އަދި ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ބަންދުކޮށް ހުރިހާ މަގެއް ވެސް ބަންދުކޮށްފައިވާ ކަމަށް އެ މީހުން މަޢުލޫމާތުދީފައިވެއެވެ.

2021 ވަނަ އަހަރުގެ އޮގަސްޓް މަހު އަލުން ވެރިކަމަށް އައުމަށްފަހު ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ސަލާމަތީ ކަންކަން ރަނގަޅުކޮށްފައިވާ ކަމަށް ބުނަމުން ދިޔައެވެ. ނަމަވެސް އާއްމުފަރާތްތަކުން ތުހުމަތުކުރާގޮތުގައި އައިއެސްއިންވަނީ ބޮން ގޮއްވުމުގެ އިތުރުން އެހެނިހެން ހަމަލާތައް އެ ޤައުމުގެ ސަރަޙައްދުތަކަށް އެކިފަހަރުމަތިން ދީފައެވެ. މީގެ އިތުރުން މިދިޔަމަހު އައިއެސްއިންވަނީ ކާބުލްގައި ހުންނަ ޗައިނާގެ ރައްޔިތުންގެ މެދުގައި މަގުބޫލު ހޮޓަލަކަށްވަދެ ޗައިނާގެ ފަސް މީހަކު ވަނީ ޒަހަމްވެފަ އެވެ.

އަފްޣާނިސްތާނުގެ މައިނޯރިޓީ ކޮމިއުނިޓީތަކަށް ނިސްބަތްވާ މީހުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު ވަނީ ތާލިބާނުން އަލުން ވެރިކަމަށް އައި ފަހުން ދިން ހަމަލާތަކުގައި މަރުވެ ޒަޙަމްވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!