ދުނިޔެ

ކޮވިޑު-19: 102 ދުވަހަށް ފަހު ނިއުޒިލޭންޑުން އަނެއްކާވެސް އިތުރު ކޭސް ތަކެއް ފެނިއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

102 ދުވަހަށް ފަހު އާންމުންގެ ތެރޭގައި ފެތުރުމަކާއި ނުލާ އަނެއްކާވެސް ނިއުޒިލޭންޑުން 4 މީހުން ކޮވިޑް-19 އަށް ފައްސި ވެއްޖެ ކަމަށް އެގައުމުގެ ޕްރައިމް މިނިސްޓަރު ޖަކިންދާ އަރުދާން ރޭގެ ނިއުސް ކޮންފަރެންސެއްގައި ވަނީ ހާމަކޮށްފައެވެ.

Ads by Sosun Fihaara

އޮކްލޭންޑުގެ އެއް އާއިލާއަކުން 4 މީހުން ފައްސި ވުމާއި ގުޅިގެން  3 ދުވަސް ވަންދެން އޮކްލޭންޑު ލޮކްޑައުން ކޮށްފައިވާ ކަމަށް ވެސް ޕްރައިމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެހެންމެ ފައްސި ވެފައިވާ އާއިލާ އަކީ އެއްވެސް ތާކަށް ދަތުރު ކޮށްފައި ނުވާ ބައެއް ކަމަށާއި ބަލި ޖެހުނީ ސީދާ ކޮން ތާކުން ކަމެއް ބުނަން ނޭނގޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ބައްޔަށް ފައްސި 22 މީހުންނަކީ އެކި ތަންތަނަށް ދަތުރު ކުރުމަށް ފަހު ހޯމް އައިސޮލޭޝަން ގައި މަޑުކުރި މީހުން ކަމަށާއި، އެހެންކަމުން މި 22 މީހުންވެސް ފައްސި ވީ ކީއްވެކަން އެނގެން އޮތް ކަމަށެވެ.

ނިއުޒިލޭންޑުގެ ސިޓީއެއް ކަމަށްވާ އޮކްލޭންޑުގެ އެއް އާއިލާއަކުން 4 މީހުން ކޮވިޑު-19 އަށް ފައްސި ވުމާއި ގުޅިގެން މިކަމަކީ އެންމެން ވެސް ސަމާލުވާން ޖެހޭ ކަމެއް ކަމަށް ޕްރައިމް މިނިސްޓަރ ވިދާޅުވިއެވެ.

ނިއުޒީލެންޑުން އިތުރު ކޭސްތަކެއް ފެނިފައި މިވަނީ އެގައުމުގެ ބޯޑަރު ބަންދުކޮށް އެކަން ހަރުކަށިކޮށް ބަލަމުން ދިޔުމުގެ ސަބަބުން، ވޭތުވެ ދިޔަ 3 މަހަށްވުރެ ވެސް ގިނަ ދުވަސް ވަންދެން އެއްވެސް މީހަކު ކޮވިޑަށް ފައްސި ނުވެ ހުރެ އޮތުމަށް ފަހުއެވެ.

އެންމެ ފަހުން ކޮވިޑު-19 އަށް ފައްސި ވެފައި ވެފައި ވަނީ އޮކްލޭންޑުގައި ދިރިއުޅޭ އުމުރުން 50 އަހަރުގެ މީހެއް ކަމަށާއި އޭނާގެ ފުރަތަމަ ޓެސްޓު ކުރެވުނީ މިދިޔަ ހޯމަ ދުވަހު ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެއަށް ފަހު އަންގާރަ ދުވަހު ކުރި 2 ވަނަ ޓެސްޓުވެސް ފައްސި ވެފައިވާ ކަމަށާއި، އޭނާގެ އެއްވެސް ޓްރެވެލް ހިސްޓްރީ އެއް ނެތްކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޖުމްލަ 7 މީހުން ދިރިއުޅެމުން އަންނަ މި އާއިލާގެ އިތުރު 3 މީހުން ޓެސްޓުކުރެވި ނަތީޖާ ނައްސި ވެފައި ވާއިރު، އަނެއް 3 މެންބަރުންގެ ކުރެވުނު ޓެސްޓު ވަނީ ފައްސި ވެފައިކަމަށް އެގައުމުގެ ޕްރައިމް މިނިސްޓަރު ޖަކިންދާ އަރުދާން ވިދާޅުވިއެވެ. އޭގެތެރެއިން ޕްރީ ސްކޫލުގައި ކިޔަވަމުން އަންނަ ކުޑަކުއްޖަކާއި، ގިނަ ތަންތަނުގައި މަސައްކަތް ކުރާމީހުން ހިމެނޭ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މިތަންތަނުގެ ކޮންޓެކްޓުވި ފަރާތްތަކުގެ ޓެސްޓުވެސް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އަދި ހަމަ އެހެންމެ އިތުރު ކޭސްތަކެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށާއި، ވީހާވެސް ކޮންޓެކްޓުން މަދު ކުރުމަށް ވެސް މިނިސްޓަރު ވަނީ އިލްތިމާސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!