ރާޖަމޯލީއަށް ހާއްސަ އަހަރެއް، އާރްއާރްއާރް އޮސްކާ އަށް
ސައުތު އިންޑިއާގެ މަގްބޫލު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އެސްއެސް ރާޖަމޯލީގެ އެންމެ ފަހުގެ ފިލްމު "އާރްއާރްއާރް" އެކެޑަމީ އެވޯޑު (އޮސްކާ) އަށް ޝޯޓްލިސްޓު ވެއްޖެ އެވެ.
ކޮންމެ އަހަރަކުވެސް އޮސްކާއަށް ނަން ހުށަހަޅާ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އިއުލާން ކުރަނީ ޝޯޓް ލިސްޓު ވާ ފިލްމުތަކެވެ. އޭގެތެރެއިން ނޮމިނޭޓުވާ ފިލްމުތައް އިއުލާން ކުރަނީ ފަހުންނެވެ.
މިއަހަރުގެ އޮސްކާއަށް އިންޑިއާއިން ހަތަރު އުފެއްދުމެއް ވަނީ ޝޯޓްލިސްޓު ވެފަ އެވެ. އެއީ "އާރްއާރްއާރް" ގެ އިތުރުން "ޗެލޯ ޝޯ" އާއި "އޯލް ދެޓް ބްރީތްސް" އަދި "ދަ އެލެފެންޓް ވިސްޕަރާސް" އެވެ.
މީގެ ތެރެއިން "ޗެލޯ ޝޯ" އާއި "އާރްއާރްއާރް" ޝޯޓް ލިސްޓު ވީ ބެސްޓް ފީޗާ ފިލްމު ކެޓެގަރީންނެވެ. އަނެއް ދެ އުފެއްދުން ޝޯޓް ލިސްޓު ވީ ބެސްޓް ޑޮކިއުމެންޓަރީ ފީޗާ ފިލްމު ކެޓެގަރީންނެވެ.
"އާރްއާރްއާރް" ގައި ހިމެނުނު "ނާޓު ނާޓު" ލަވައަށް ވަނީ މިއަހަރުގެ ގޯލްޑެން ގްލޯބް އެވޯޑުގެ އެންމެ މޮޅު ލަވައިގެ މަގާމު ލިބިފަ އެވެ. މިލަވައަށް އެ އެވޯޑު ލިބުނީ ޓޭލާ ސްވިފްޓް އަދި ރިއާނާ ފަދަ މޮޅު އާޓިސްޓުންގެ ލަވަތަކާއި ވާދަކޮށްގެންނެވެ.
"އާރްއާރްއާރް" ވަނީ އޮސްކާގެ އެކި އެވޯޑުތަކަށް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ނޫން ބަހުން އުފައްދާފައިވާ އެންމެ މޮޅު ފިލްމުގެ އެވޯޑުވެސް ހިމެނެ އެވެ.
އޮސްކާއަށް ނަން ހުށަހަޅައިގެން ޝޯޓް ލިސްޓު ވުމަކީ ވަރަށް މަދު ފިލްމަކަށް ލިބޭ ފަހުރެކެވެ. މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން އިންޑިއާއިން ހުށަހެޅި އެއްވެސް ފިލްމެއް ނޮމިނޭޓުވެފައެއް ނުވެ އެވެ. އެގޮތުން ޝޯޓްލިސްޓު ނުވި ބައެއް ފިލްމުތަކުގެ ތެރޭގައި "ޖައްލިކައްޓޫ"، "ގަލީ ބޯއީ"، "ވިލެޖް ރޮކްސްޓާސް" ހިމެނެ އެވެ.
ޝޯޓް ލިސްޓުވެ ނޮމިނޭޝަންގައި ހިމެނުނު ފިލްމުތަކަކީ "މަދާ އިންޑިއާ"، "ސަލާމް ބޮމްބޭ" ގެ އިތުރުން "ލަގާން" އެވެ.
95 ވަނަ އެކެޑަމީ އެވޯޑުގެ ނޮމިނޭޝަން އިއުލާން ކުރުން އޮންނާނީ މިމަހު 23 ވަނަ ދުވަހު އެވެ. އެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ.
އޮސްކާ އެއް ނޫން ގޯލްޑަން ގްލޯބް