ޚަބަރު

ވިހިބާވީސް: ކުއްލި އެތައް މަރަކާއި ރަޙުމް ކުޑަ ހަތަރު ޤަތުލު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ލިޔުމުގައި ވަރަށް ކުރުކޮށް ގެނެސްދީފައި މިވަނީ މިދިޔަ އަހަރުގެ ކުއްލި މަރުތަކާއި ޤަތުލުތަކެވެ.

16 ޑިސެންބަރު

ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އޭނާ ދުއްވަމުން ދިޔަ ސައިކަލު ކާރެއްގައި ޖެހިގެންނެވެ. އޭނާގެ އުމުރަކީ 54 އަހަރެވެ.

10 ޑިސެންބަރު

ހދ. ނޮޅިވަރަމްގައި ނިޝާމާ މުހައްމަދު މަރާލީ ހަރު އެއްޗެއް ކަރުގައި އަޅައި ބާރުކޮށް ނޭވާ ހާސްކޮށްގެންނެވެ.

ކޮޓަރި ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ، 29،ގެ މަރުގެ ތުހުމަތު ކުރަނީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލަށެވެ. އެކަން ތަހުގީގުކުރަން އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓާފައި ހުއްޓާ ދަންޖެހުމުން، ފަރުވާ ދެމުންދަނިކޮށް 19 ޑިސެންބަރު ވަނަ ދުވަހު ވަނީ މަރުވެފައެވެ.

10 ނޮވެންބަރު

މާފަންނުގައި ހުރި ބިދޭސީން އުޅޭ ވެހިކަލް މަރާމާތުކުރާ ގަރާޖަކާއި ބިދޭސީންގެ ލޭބާ ކުއާޓަރެއް ހުންނަ އިމާރާތެއްގައި ރޯވެ 10 ބިދޭސީން ވަނީ މަރުވެފައެވެ.

10 ނޮވެންބަރު

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި މިދިޔަ މަހު 26 ގައި ގދ. ހޯނޑެއްދޫ، ސްވެން، ރަޝީދު ހައްޔަރުކޮށްފައި ހުއްޓާ އޭނާގެ މެޔަށް ތަދެއް އަރައިގެން އުޅުމަށް ފަހު މަރުވިއެވެ.

25 އޮކްޓޯބަރު

ށ. ގޮނާފަރު ފަޅުގެ ބޭރަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނަކު ނިޔާވެފައި އޮއްވާ އޮއްވާ ވަނީ ފެނިފައެވެ. ނިޔާވެފައިވަނީ ވަނީ ރ. އުނގޫފާރަށް ނިސްބަތްވާ އަބްދުﷲ ސޯދިގު، 22 އެވެ.

23 އޮކްޓޯބަރު

އައްޑޫ ހިތަދޫން ޑައިވިން އަށް ފޭބި ޒުވާނަކު ނިޔާވިއެވެ.. ނިޔާވީ އެ ރަށު ފެހިވިނަ ތޮލާލު އަހުމަދު 24، އެވެ.

14 އޮކްޓޯބަރު

ގެއްލިގެން ހޯދަމުން ދަނިކޮށް، ހ. ބޮނޑިކަނދޮޅުގޭ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ވަނީ ހުޅުމާލޭ ޖަންގަލި ތެރެއިން ފެނިފައެވެ.

11 އޮކްޓޯބަރު

ޑެންގީ ޖެހިގެން ލ. ފޮނަދޫގެ ކުޑަކުއްޖަކު ވަނީ ނިޔާވެފައެވެ.. އުމުރުން 9 އަހަރުގެ އެ ކުއްޖާ ނިޔާވީ އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާދެމުން އަންނަނިކޮށެވެ.

11 އޮކްޓޯބަރު

ޑެންގީ ހުން ޖެހިގެން ފަރުވާދެމުން އަންނަނިކޮށް ރ. އުނގޫފާރުގައި ޒުވާނަކު ނިޔާވިއެވެ.. ނިޔާވެފައިވަނީ ރ. ދުވާފަރު އަތޫފް އަހްމަދު، 21އ. އެވެ.

6 އޮކްޓޯބަރު

އައްޑޫ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވި މީހަކު ވަނީ ނިޔާވެފައެވެ. އެ ރަށު ދުންނިކަގެ، އުމުރުން 62 އަހަރުގެ އިބްރާހިމް ހުސައިން ނިޔާވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

4 އޮކްޓޯބަރު

ޑެންގީ ހުން ޖެހިގެން 19 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމެވެ.

2 އޮކްޓޯބަރު

ކ. ކާށިދޫ ކައިރިއަށް އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ކަނޑުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ބިދޭސީއެކެވެ.

30 ސެޕްޓެންބަރު

ޅ. ހިންނަވަރުގައި ހަވީރު ފުޓްބޯޅަ މެޗެއް ކުޅެން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ. މުބްތަދާ އަލީ ނަމަކަށް ކިޔާ ޒުވާނާ ކުޅެން ހުއްޓާ ކުއްލިއަކަށް ކޯޓު މައްޗަށް ވެއްޓުނީއެވެ.

30 ސެޕްޓެންބަރު

ކ. މާފުށީ ޖަލުގައި ޑިއުޓީ އަށް ހުރި ޒުވާނަކުވަނީ ނިޔާވެފައެވެ. ނިޔާވި، މާފުށީ ފުންގިރި، އާދަމް ނައުޝާދު، 32 މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅުނީ ފެބްރުއަރީ 3، 2014 ގައެވެ.

21 ސެޕްޓެންބަރު

ގއ. ގެމަނަފުށި މަސްދޯންޏަކުން މަހަށް ނުކުމެ އުޅުނު މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.ނިޔާވީ ގެމަނަފުށީގައި ދުއްވާ "ދޮންދީދީީ" މަސްދޯނިން މަހަށް ގޮސް އުޅުނު، އެ ރަށު ނިއުލައިންގޭ، މުހައްމަދު ވަސީމް، 50، އެވެ.

18 ސެޕްޓެންބަރު

ގއ. ގެމަނަފުށިން އެ އަތޮޅު ކަނޑުހުޅުދު އަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓި ޒުވާނަކު ނިޔާވިއެވެ. އުމުރުން 24 އަހަރުގެ އެ ޒުވާނާ މޫދަށް ވެއްޓުނީ ގެމަނަފުށީގެ ނެރާ ދިމާލުންނެވެ. އޭނާ މޫދުން ނެގިއިރު ވެސް ވަނީ ނިޔާވެފައެވެ.

29 އޯގަސްޓް

ފީނަން ގޮސް އުޅެނިކޮށް އުނގޫފާރު ޒުވާނަކު ވަނީ ނިޔާވެފއެވެ.

26 އޯގަސްޓް

އދ. މާމިގިލީގައި އޮތް ވޮލީ މެޗުގައި ކުޅެން ހުއްޓައި އުމުރުން 37 އަހަރުގެ މީހަކު ވަނީ ނިޔާވެފައެވެ. އދ. އަތޮޅު ޒޯނު މުބާރާތުގައި އދ. ދިއްދޫގެ ރައްޔިތުންގެ ގުޅުމާއި ދަނގެތި އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ވޮލީ މެޗުގައި ކުޅެން ހުއްޓައި ވެއްޓި ނިޔާވީ ދިއްދޫ ނޫވިލާގޭ، އަހުމަދު އަބްދުﷲ (ޑަކީ) އެވެ.

21 އޯގަސްޓް

ގދ. ރަތަފަންދޫގައި ގޭސް ފުޅިއެެއް ގޮވައި ފިހުނު މީހާ އަށް މާލެ ގެނެސް ފަރުވާދެނިކޮށް ވަނީ ނިޔާވެފައެވެ. 55 އަހަރުގެ އަންހެން މީހާ ފިހުނީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ގޭސް ފުޅި ގޮވައި، އޭނާގެ ހެދުމުގައި އަލިފާން ހިފައިގެންނެވެ. އެ ހާދިސާގައި އަންހެން މީހާގެ މޫނު ވެސް ވަރަށް ބޮޑަށް ފިހުނެވެ.

6 އޯގަސްޓް

ހ. ޝީރީންވިލާގައި މަރާލައިފައި އޮއްވައި އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު ވަނީ ފެނިފައެވެ. އެއީ ފުވައްމުލަކު ކުއްޖެކެވެ.

1 ޖުލައި

އދ. ފެންފުށީގައި މޫދަށް އެރި އުޅެނިކޮށް ހާލު ސީރިއަސްވި މީހަކު ވަނީ ނިޔާވެފައެވެ. މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ ތ. ދިޔަމިގިލީ، އީސާ ޖުނާހު، 23، އެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ސައިން އައިލެންޑް ރިސޯޓުގައެވެ.

25 ޖޫން

ކ. ގުރައިދޫ ގެސްޓްހައުސްއެއްގެ ތެރޭގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. މަރުވެފައި އޮއްވާ ފެނުނީ އިނގިރޭސިވިލާތުގެ 57 އަހަރުގެ އަންހެނެކެވެ.

16 ޖޫން

ސަޕްލައި ދޯންޏަކުން ބާލަން އުޅުނު ބިއްލޫރިޝީޓްތަކެއް ދަށުވެ ބިދޭސީންތަކަކަށް އަނިޔާވެ އޭގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. ނ. އަތޮޅުގައި ސިނާއީ މަސައްކަތްކުރަމުން އަންނަ މާކުރަންދޫގައި ހިނގި އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔައެވެ.

6 ޖޫން

ޅ. އަތޮޅުގައި ހިންގާ ލެ މެރީޑިއަން މޯލްޑިވްސް ރިސޯޓުގެ މޫދަށް އެރި އުޅުނު ޗައިނާގެ ޓޫރިސްޓަކު ގެނބިގެން ވަނީ މަރުވެފައެވެ. މަރުވެފައި ވަނީ 32 އަހަރުގެ ޗައިނާގެ އަންހެނެކެވެ.

2 ޖޫން

ސ. ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި ޒުވާނަކަށް ފަރުވާ ދެމުންދަނިކޮށް ވަނީ މަރުވެފައެވެ. އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ ނަމަކަށް ކިޔާ ޒުވާނާ މަރުވީ އެ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށެވެ.

22 މެއި

ފުޓްބޯޅަ ކުޅެނިކޮށް ހަވީރު ކުއްލިއަކަށް ދަނޑަށް ވެއްޓުމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް އެ ހޮސްޕިޓަލުގެ ސީނިއާ ލެބޯޓްރީ ޓެކްނޮލޮޖިސްޓް، 49 އަހަރުގެ މުހައްމަދު ހަސަން (ސެންޓަރު މުހައްމަދު) ވަނީ ނިޔާވެފައެވެ.

21 މެއި

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި މަސައްކަތްކުރަމުން އައި ދިވެހި ޒުވާނަކު އިމާރަތަކުން ވެއްޓި ވަނީ ނިޔާވެފައެވެ. ނިޔާވެފައި ވަނީ ޒައިދު އިބްރާހިމް، 28 އެވެ. އޭނާ އަކީ ފުވައްމުލަކު މީހެކެވެ.

11 މެއި

މ. ކޮޅުފުށީ ބޭރުގައި މުދާ އުފުލާ ދެ ދޯނި އަޅަން އުޅުމުގެ ތެރޭގައި އަބްދުﷲ އަހުމަދު ނަމަކަށް ކިޔާ މީހަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ، ނެގި ބޮޑު ރާޅަކާ އެކު އޭނާ ހުރި ދޯންޏާއި ކައިރީގައި އޮތް އަނެއް ދޯނީގައި ހުރި ކޮންޓެއިނަރުތަކުގެ މެދުގައި ފިތިގެންނެވެ.

4 އޭޕްރީލް

ހުޅުމާލޭގައި ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓުނު ކުއްޖާއަށް ފަރުވާ ދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. ހުޅުމާލޭ ބޮޑުމަގު ކަމަށްވާ ނިރޮޅުމަގުގުގައި ހުންނަ ޕިކްޕޯސްޓް ކައިރީ ހުރި ގެޔަކުން ވެއްޓި ޒަހަމްވީ ހަތަރު އަހަރުގެ އަންހެން ކުއްޖެކެވެ.

21 މާރިޗް

ކ. ގާފަރު ގެސްޓްހައުސްއެއްގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

7 މާރިޗް

ޅ. މާފިލާފުށީގައި އޮތް ތަމްރީނަށް ދިޔަ ސިފައިންގެ މީހަކު ވަނީ ނިޔާވެފައެވެ. ގދ. ގައްދޫ، ރަމްޒު، ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް 19، ނިޔާވީ ނޭވާލާން އުނދަގޫވެގެން ފަރުވާދިނުމަށް ފަހު، އިތުރު ފަރުވާ އަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ.

27 އޭޕްރީލް

ހުޅުމާލޭގައި މިދިޔަ އާދިއްތަ ދުވަހު ހިނގި އެކްސިޑެންޓެއްގައި، މާލޭ ސިޓީ ކައުންސިލަރު އައިމިނަތު އީމާން ވަނީ ނިޔާވެފައެވެ.

27 ޖެނުއަރީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސްމޯކިން އޭރިއާގައި ހުއްޓާ ހާޓްއެޓޭކެއް ޖެހި، އިނގިރޭސި ވިލާތުގެ ޓޫރިސްޓަކު ވަނީ މަރުވެފައެވެ.

19 ޖެނުއަރީ

ސިނަމާލެ ބްރިޖުގައިހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާދެމުން އައި 21 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ނިއާވެފައި ވަނީ ސ. ހުޅުދޫ، މުހައްމަދު ހައިކަލް އިސްމާއިލެވެ.

އޭގެ އިތުރުން ކޮވިޑް-19 ބަލީގައި ވެސް އިތުރު ބަޔަކު ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!