މިއީ ސަރުކާރުގެ ފަހި ދިރިއުޅުން ކޯރޕަރޭޝަންގެ ފަރާތުން އިންޑިއާގެ ދެ ކުންފުންޏަކާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސިޔާސަތުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ ދެ ކުންފުނިކަމަށްވާ ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއި، އެން.ބީ.ސީ.ސީ ލިމިޓެޑާއި ޙަވާލުކޮށްގެންނެވެ.
މި މަޝްރޫޢުގެ ދަށުން މިއިން ކޮންމެ ކުންފުންޏަކުންވެސް 2000 ހައުސިންގ ޔުނިޓް އަންނަނީ ތަރައްޤީކުރަމުންނެވެ.
މި ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ޖޭ.އެމް.ސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ދީފައިވަނީ ”އަމާން އުދަރެސް“ މި ނަމެވެ.
އަދި އެން.ބީ.ސީ.ސީއާ ޙަވާލުކޮށްގެން ތަރައްޤީކުރާ ޓަވަރުތަކަށް ކިޔާނެ ނަންވެސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
މި 4000 ހައުސިންގ ޔުނިޓުގެ މަސައްކަތް ކުރިއަށްދާއިރު، މިތަންތަން ނިމިގެންދާއިރު ހުންނާނެގޮތް ދައްކުވައިދިނުމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވަނީ ”އެކްސްޕީރިއަންސް ޔުނިޓް“ގެ ގޮތުގައި ދެ ޔުނިޓެއް އާއްމުން ދައްކާލުމަށްޓަކާ ތައްޔާރުކޮށްފައެވެ.
މި ދ ޔުނިޓް ތައްޔާރުކޮށްފައިވަނީ ޖޭ.އެމް.ސީއިން މަސައްކަތްކުރަމުންދާ ޓަވަރުތަކުގެ ތެރެއިން 12 ވަނަ ޓަވަރުގައެވެ.
”އެކްސްޕީރިއަންސް ޔުނިޓް“ގެ ގޮތުގައި ތައްޔާރުކޮށްފައިވަނީ 3 ކޮޓަރީގެ 2 ޔުނިޓެކެވެ. މިއީ އާއްމުންނަށް މިތަންތަން ނިމޭއިރު ހުންނާނެގޮތް ދައްކާލުމުގެ ބޭނުމުގައި ތަނަވަސްކޮށްދޭ ފުރުޞަތެއްކަމަށް ފަހި ދިރިއުޅުން ކޯރޕަރޭޝަނުން ވިދާޅުވެއެވެ.
އެގޮތުން މި ދެ ޔުނިޓުގައި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރު ސެޓާއި، އެނޫންވެސް ތަކެތި ބަހައްޓާފައިވެއެވެ.
ކޮމެންޓް