މާސްކް އެޅުން މަޖުބޫރު ކުރީ ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ: އަމީން
މާލެ ސަރަހައްދުގައި މާސްކް އެޅުން މަޖުބޫރު ކުރީ ރާއްޖެ އަލުން ފުރަބަންދަކަށް ދާން ބޭނުން ނުވާތީ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މިހާ ދަތި ހާލަތުގައި ތިއްބައި މާސްކު ނޭޅުމުން ޖޫރިމަނާ ކުރަނީ ކީއްވެގެންތޯ އާއި މާސްކު ހިލޭ ނުބަހަނީ ކީއްވެގެންތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސުވާލު ކުރެއްވުމާ ގުޅިގެންނެވެ.
ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ޖޫރިމަނާ ކުރާ ކޮންމެ ކަމެއްގައި އޮންނަން ޖެހޭނީ ހިލޭ ހިދުމަތެއް ނޫން ކަމަށާއި ސައިކަލު ނުބައި ތާކު ޕާކް ކުރުމުގެ ސަބަބުން ވެސް ޖޫރިމަނާ ކޮށް އަދަބު ލިބޭ ކަމަށެވެ.
އަދި މާސްކް ނޭޅުމުގެ ސަބަބުން ގެއްލުން ވަނީ ހަމައެކަނި އެ މީހާގެ ފުރާނަ ނޫން ކަމަށާއި އޭނާގެ ވަށައިގެންވާ އެހެން މީހުންގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ނުރަނގަޅު އަސަރު ކުރާތީ ކަމަށެވެ. އަދި ބައެއް ފަަހަރު ކަމެއް ނޫންކަމަށް ހީކޮށް ދޫކޮށްލެވޭ ކަމެއްގެ ސަބަބުން އެތައް ބަޔަކު އެކަމަށް ހުށަހެޅިގެންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މާސްކް އެޅުން މަޖުބޫރުކުރީ އިތުރު ލޮކްޑައުންއަކަށް ދާން ބޭނުން ނުވާތީ. އަޅުގަނޑުމެން ރާއްޖޭގެ ބޯޑަރު އިތުރަށް ބަންދުކުރަން ބޭނުންނުވާތީ. އަދި ރާއްޖޭގެ އެހެން ރަށްރަށަށް އެއްފަހަރާ މި ބަލި ފެތުރެން ބޭނުންނުވާތީ" އަމީން ވިދާޅުވިއެވެ.
އަދި މާސްކް އެޅުމަކީ ދުނިޔޭގެ ހުރިހާ ދިރާސާތަކާއި ހުރިހާ ފަންނީ ބޭފުޅުންނާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ގަބޫލު ކުރާ ގޮތުގައި މި ފެތުރުން ލަސް ކުރުމަށާއި ބަލިން ސަލާމަތް ކުރުމަށް އެޅޭނެ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށް އަމީން ވިދާޅުވިއެވެ.