ޚަބަރު

2028އާ ހަމައަށް ދާއިރު އަހަރަކު 3.5 މިލިއަން ފަތުރުވެރިން އަންނާނެ: ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2028 ވަނަ އަހަރާއި ހައަށް ދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަހަރަކު 3.5 މިލިއަނަށް އިތުރުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިހު މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ ކޮވިޑްގެ ކުރިއާއި އަޅާބަލާއިރުވެސް އިތުރު މިންވަރެއްގައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޚާއްސަކޮށް ކޮވިޑް19 އާއިއެކު ފަތުރުވެރިކަމުގެ ސިނާއަތައް ލިބުނު ގެއްލުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. މީގެ ނަތީޖާ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުން އަންނަނީ ހާމަވަމުންނެވެ.

މިއަހަރުގެ ޖަނަވަރީ މަހު ރާއްޖެއަށް ވަނީ ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ނިމުނު ޖަނަވަރީމަހު ރާއްޖެއަށް 172535 (އެއް ލައްކަ ހަތްދިހަ ދެ ހާސް ފަސް ސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މި ޢަދަދަކީ 2022 ވަނަ އަހަރުގެ ޖެނުއަރީމަހާއި އަޅާބަލާއިރު 30.9 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޮވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ޖަނަވަރީމަހާއި އަޅާބަލާއިރު 13.8 އިންސައްތަ އިތުރު އަދަދެކެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރާއި ހަމައަށް ދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެގެން އަހަރަކު 3.5 މިލިއަނަށް އިތުރުވެގެންދާނެކަމަށެވެ. އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިޤްތިޞާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއްކަން ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާކަމަށާއި ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އިޤްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ރައީސް ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

”ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން. މިއަދު ފަށާ، ހިންގާ، ނިންމަމުން މިދާ މަޝްރޫޢުތަކަކީ އެހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބު.” ރައީސް ވިދާޅުވިއެވެ.

2022 ވަނަ އަހަރު ސަރުކާރުން ރާއްޖެ ގެނައުމަށް އަމާޒުހިފާފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ. އަދި އަހަރު ނިންމާލާފައިވަނީ މި އަމާޒު ހާސިލްވެގެންނެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މި އަދަދަށް ރާއްޖެއަށް މިއަހަރު ފަތުރުވެރިން ގެނެވިއްޖެނަމަ ވެގެންދާނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ރެކޯޑަކަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!