މަޖިލިސް ތެރޭގައިވެސް ނަފްސާނީ ފަރުވާ ދޭން ޖެހޭ މީހުން އެބަ ތިބި: ބޮންޑޭ
ރައްޔިތުންގެ މަޖިލީހުގައި ތިބި ބައެއް މެމްބަރުންނަށާއި އެނޫންވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބައެއް މީހުންނަށް ނަފްސާނީ ފަރުވާ ދޭން ޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ގަރާރަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ސިޔާސީ މައިދާނުގައި ނަފްސާނީ ބަލިމަޑުކަމެއް އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ކަމަށެވެ.
މިއަދު ގަރާރު ހުށަހަޅުއްވާފައިވަނީ މި ބަލިމަޑުކަމަށް 11 އަހަރު ފުރުނު ދުވަހުކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަ ދައްކާއިރު މި ބަލިމަޑުކަން އެންމެ ފުރަތަމަ ފިލުވަން ޖެހޭނީ މަޖިލީހުގެ ތެރެއިންކަމަށް ބޮންޑޭ ވިދާޅުވިއެވެ.
އޭނާ މި އިޝާރާތް ކުރެއްވީ އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓައިލުމަށް މަސައްކަތް ކުރި ބައެއް ފަރާތްތައް މަޖިލީހުގައާއި ސިޔާސީ މައިދާނުގައި ތިއްބެވުމުން އެކަމެވެ.
ގަރާރު ހުށަހެޅުއްވި މެމްބަރު ރިޔާޒަކީ 2012 ވަނަ އަހަރު ވެރިކަން ވެއްޓުނު ހާދިސާގައި އޭރުގެ ސަރުކާރާއި ދެކޮޅަށް އެންމެ އިސްކޮށް ހުންނެވި އެއް ފަރާތެވެ.
"މީ ބަގާވާތުގެ ތެރެއިން އައިސްގެން އުޅޭ ބަލިމަޑުކަމެއް. އެއްބަޔަކު އަނެއްބަޔަކަށް ތިމާމެން މާ ބާރުގަދަ ކަމަށް އަދިވެސް މިއުޅެނީ ހަމަ އޭގެ ތެރެއިން ނުނެއްޓިގެން. މި ނަފްސާނީ މައްސަލައާއި ގުޅިގެން އަޅުގަނޑުމެން ހުރިހާ މެމްބަރުންގެ މެންޓަލް ހެލްތާއި ބެހޭ ގޮތުން ޓެސްޓު ކުރަން، ކޮންކަހަލަ މައްސަލައެއްތޯ މި އުޅެނީ.." ބޮންޑޭ ވިދާޅުވި އެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ބޮންޑޭއަށް ފިޔަވަޅު އަޅަން ނިންމި ނިންމުމަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ އުޅޭ މައްސަލައަކީ ގޮތް ދޫނުކުރުމާއި ތިމާމެންނަކީ މާ ވަރުގަދަ ބައެއްކަން ދެއްކުމަށް މަސައްކަތް ކުރުން ކަމަށެވެ. ބޮންޑޭ ތަކުރާރުކޮށް ވިދާޅުވީ މިހާރު ސިޔާސީ މައިދާނުގައި މައްސަލަތަކެއް އުފެދިގެން އުޅެނީ ބަގާވާތުގެ ސަބަބުން ކަމަށެވެ.
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވައްޓައިލީ ބަގާވާތް ކޮށްގެންނެވެ.
އެހެންނަމަވެސް އޭރު އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ނިކުން ސިޔާސީ ލީޑަރުން މިހާރު ތިބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައިކަން ފާހަގަކޮށްލެވެއެވެ.