ބޮލީވުޑް މުނިފޫހިފިލުވުން

ސިދާތުއާ ކިއާރާ ކައިވެނިކޮށްފި، ކަރަންގެ ލޮލުން ކަރުނަ ހިލިއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސިދާތު މަލޯތުރާ އާއި ކިއާރާ އާދުވާނީގެ ކައިވެނީގެ ހަފްލާގެ ތެރެއިން

ބޮލީވުޑް އެކްޓަރު ސިދާތު މަލޯތުރާ އާއި ބަތަލާ ކިއާރާ އާދުވާނީ ކައިވެނިކޮށްފި އެވެ.

Ads by Sosun Fihaara

މިމަހުގެ 4 ވަނަ ދުވަހު ފެށުނު ހަފްލާތަކުގެ ތެރެއިން ކައިވެނީގެ ރަސްމިއްޔާތު އޮތީ އިއްޔެ އެވެ. ރަސްމިއްޔާތު ބާއްވާފައިވަނީ ޖައިސަލްމޭރުގައި ހުންނަ ސޫރްޔަގަރް ޕެލެސްގަ އެވެ.

މަޑު ފިޔާތޮށި ކުލައިގެ ލެހެންގާއެއް ކިއާރާ ލައިގެން ހުރިއިރު ކައިވެންޏަށް ސިދާތު ލައިގެން ހުރީ ބެއިޖް ކުލައިގެ ޝޭރްވާނީ އެކެވެ. ދެމީހުންގެ ހެދުންވެސް ޑިޒައިން ކުރީ އިންޑިއާގެ މަޝްހޫރު ޑިޒައިނަރު މަނީޝް މަލޯތުރާ އެވެ.

އިއްޔެ ބޭއްވި މި ހަފްލާގައި ބައިވެރިވީ ހަމައެކަނި ދެފަރާތުގެ އާއިލާ އެވެ. ވަރަށް ގާތް މަދު ރައްޓެއްސަކަށް ދައުވަތު ދިން ނަމަވެސް އެހެން ރައްޓެހިންނަށް ރިސެޕްޝަން ބާއްވަން ހަމަޖެހިފައިވަނީ މިމަހުގެ 14 ވަނަ ދުވަހު މުމްބާއީގަ އެވެ.

ސިދާތުއާއި ކިއާރާގެ ކައިވެނީގެ ފޮޓޯ ދެތަރިން އާންމު ކުރުމާއިއެކު އެންމެ ފުރަތަމަ މަރުހަބާގެ މެސެޖެއް ފޮނުވީ ބަތަލާ އާލިއާ ބަޓް އެވެ. އާލިއާއަކީ 2016 ވަަނަ އަހަރާއި 2017 ވަަނަ އަހަރު ސިދާތު ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް އަޑު ފެތުރުނު ތަރި އެކެވެ. ވަރަށް ކުރުކޮށް އާލިއާ ބުނީ ދެ މީހުންނަށްވެސް މަރުހަބާ ކިޔާ ކަމަށެވެ.

މިކައިވެންޏާއި ގުޅިގެން އެންމެ ދިގު މެސެޖެއް ދިން އެކަކީ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރެވެ. ކަރަން ބުނީ އޭނާ ސިދާތުއާ ދިމާވީ މީގެ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކުރިން ކަމަށެވެ. ސިދާތުއަކީ ހިތްވަރުގަދަ މީހެއް ނަމަވެސް ވަރަށް އަވަހަށް ކަންކަމާ ހިތުގައި ޖެހޭ މީހެއްކަމަށް ކަރަން ބުންޏެވެ. ކަރަން ބުނީ ކިއާރާއާއި ދިމާވީ އަހަރުތަކެއް ފަހުން ކަމަށާއި ކިއާރާގެ މިޒާޖާއި ސިދާތުގެ މިޒާޖު ދާދި އެއްގޮތް ކަމަށެވެ.

ކަރަން އިތުރަށް ބުނީ ސިދާތުއާ ކިއާރާއަކީ އެކަކު އަނެކަކަށްޓަކައި ލިޔެވިފައިވާ ދެމީހުން ކަމަށެވެ. އަދި އެ ދެމީހުންގެ ލޯތްބަކީ ޖާދުލެއް ކަމަށާއި ދެމީހުންގެ ގުޅުން ފެނިގެން ދިޔައީ ޕަރީންގެ ވާހަކައެއް ގޮތަށްކަމަށްވެސް ކަރަން ބުންޏެވެ.

ކަރަން އަކީ ސިދާތު ބޮލީވުޑަށް ނެރެދިން ޕްރޮޑިއުސަރެވެ. އޭގެ ފަހުން ކަރަން ދިޔައީ ސިދާތުއާއެކު ގިނަ އުފެއްދުންތަކެއް އުފައްދަމުންނެވެ. ކިއާރާއާއި ސިދާތު ލޯބީގެ ގޮތުން ގުޅުނު ފަހުން ކަރަންގެ އުފެއްދުންތަކުން ކިއާރާވެސް ވަރަށް ގިނައިން ފެނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!