މި މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކުރެވޭނެ

މުއްދަތު ހަމަވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް މިމަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ލައިސަންސްގެ ހިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކުރެވޭނީ މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ކަމަށް ބުނެ ކުރިން އިއުލާންކޮށްފައިވީ ނަމަވެސް އެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.
ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު މިނިސްޓްރީން ވަނީ މެދުކަނޑާލާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރުވަނީ އެމިނިސްޓްރީގެ "ސިމްސް ކަސްޓަމަރ ޕޯޓަލް" ތެރެއިން ޑިޖިޓަލް ލައިސަންސްގެ ޚިދުމަތް ދޭން ފަށާފައެވެ. އިފާސް ލޮގިންއާއިއެކު މިޕޯޓަލްއަށް ވަނުމުން، ލައިސަންސް އޮންނަ މީހެއް ނަމަ ޑިޖިޓަލް ލައިސަންސް މިހާރު ބަލާލެވޭނެއެވެ.