ދުނިޔެ

ޗައިނާއިން ރަޝިއާއަށް ހަތިޔާރު ފޯރުކޮށްދެން އުޅޭ ވާހަކަ ދޮގުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭން ޗައިނާއިން މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ތުހުމަތު ކުރުމުން ޗައިނާއިން އެ ކަން ދޮގުކޮށް، އެމެރިކާއަށް ފާޑުކިޔައިފިއެވެ. ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދީ، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައަށް އެހީތެރިވެދޭން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަންއެވެ.

Ads by Sosun Fihaara

"ޗައިނާއާއި ރަޝިޔާއާ ދެމެދު އޮތް ގުޅުމާ މެދު ނުރަނގަޅު މަޢުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އަދި، އެމެރިކާގެ ފިއްތުންތަކަށް ޗައިނާއިން ބޯނުލަނބާނެ،" ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވޮންގް ވެންބިން ވިދާޅުވިއެވެ. އަދި، އެ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ޖަރުމަނުވިލާތުގެ މިޔުނިކްގައި މި ހަފުތާގެ ކުރީކޮޅު ބޭއްވި މިޔުނިކް ސެކިޔުރިޓީ ކޮންފަރެންސްގައި ބްލިންކަން ވަނީ ޗައިނާގެ ޚާރިޖިއްޔާގެ އެންމެ އިސްވެރިޔާ ވޮންގް ޔީއާ ބައްދަލު ކުރައްވާފައެވެ. ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދިނުމަކީ ޗައިނާއަށް ހެދޭނެ އެންމެ ބޮޑު ގޯހުގެ ގޮތުގައި ސިފަކުރައްވާ، އެ ބައްދަލުވުމުގައި ބްލިންކަން ވަނީ ވޮންގްއަށް އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މާހިރެއް ކަމުގައިވާ ޤާނޫނު ހަދާ މަޖިލީހުގެ ސެނެޓަރ ލިންޑްސޭ ގްރެހެމް ވެސް ވަނީ، އެ ފަދަ އަމަލެއް ކުރުމަކީ ޗައިނާއިން ޅައެއްޗެއްއެޅުން ކަމުގައި ސިފަކުރައްވާފައެވެ. އަދި، ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދޭ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމާ މެދު އެމެރިކާއިން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދޭ ދަޢުލަތެއްގެ ގޮތުގައި އެމެރިކާއިން ކަނޑައަޅައިފިނަމަ، ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ޤައުމަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު އެ ޤައުމަށް ލިބިގެންދާނެއެވެ. އަދި، ޗައިނާއިން ރަޝިޔާއަށް ހަތިޔާރު ފޯރުކޮށްދޭ ނަމަ، އެމެރިކާއިން ޗައިނާއާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެއެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ ކަމުގައި އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އަދި، އެ ފަދަ ޤައުމަކަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި އެމެރިކާއިން ދެކުނު ނަމަވެސް، އެމެރިކާއާއި ނޭޓޯގެ އެހްނެ ޤައުމުތަކުން ދަނީ ޔޫކްރެއިނަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި، ބަރު ހަތިޔާރު ފޯރުކޮށްދެމުންނެވެ.

ބްލިންކަންއާއި ވޮންގްގެ ބައްދަލުވުމުގައި ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް އެމެރިކާއިން ވައްޓައިލި މައްސަލައިގައި ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމަކީ، ފެބްރުވަރީ 4 ވަނަ ދުވަހު ހިނގި ހާދިސާއަށްފަހު ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރައްވާފައިވާ ފުރަތަމަ ފަހަރެވެ. އެ ފަދަ ކަމެއް ތަކުރާރު ނުކުރުމަށް ބްލިންކަން ވަނީ އެ ބައްދަލުވުމުގައި ވޮންގްއަށް އަންގަވާފައެވެ.

ފުއްޕާހަމުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ހީނަރުވެފައިވާއިރު، ޗައިނާއިން ބުނަމުން ދަނީ އެ ފުއްޕާހަމަކީ ޖާސޫސީ އާލާތްތައް ހަރުކޮށްފައިވާ އެއްޗެއް ނޫން ކަމަށާއި، އެއީ މޫސުމީ ދިރާސާތަކުގައި ބޭނުންކުރާ އެއްޗެއް ކަމުގައެވެ. އަދި، ފުއްޕާހަން އެމެރިކާގެ ވައިގެ ސަރަޙައްދަށް އެތެރެވެފައި ވަނީ އޮޅުމެއްގެ ތެރެއިން ކަމުގައި ވެސް ޗައިނާއިން ދަނީ ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!