އާލިއާ މުޅިން ބަދަލުވެއްޖެ، ސާޖަރީ ހެދިކަމުގެ ތުހުމަތު
ބޮލީވުޑް ބަތަލާ އާލިއާ ބަޓް އަލަތު ދަރިފުޅު ވެހޭތާ މާ ގިނަ ދުވަހެއް ނުވަނީސް ހަށިގަނޑަށް ގެނައި ބޮޑު ބަދަލުގެ ސަބަބުން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް ހައިރާން ވެފަ އެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޑަޑަސަހެބް ޕަލްކޭ އެވޯޑު ހަފްލާއިން ފެނިގެން ދިޔަ އެވެ. އޭރު އޭނާގެ ހަށިގަނޑަށް އައިސްފައި ހުރި ބޮޑު ބަދަލު ފެނުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާލިއާ ވަނީ އެތައް ކިލޯއެއް ބަރުދަނުން ލުއިކޮށްފަ އެވެ.
މާ އަވަސް އަރުވާލައިގެން ބަރުދަން ލުއިކުރާތީ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އުފަންދުވަހުގެ ހަފްލާއަށް ދިޔަ މަގުމަތީގައި ކާރު ތެރެއިން އާލިއާގެ ފޮޓޯތަކެއް ވަނީ ނަގައިފަ އެވެ. އެފޮޓޯތަކުގައި އެއީ އާލިއާކަން ބުނަންވެސް ދަތިކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
އާލިއާގެ މޫނުމަތިން އޭނާ ހިއްކާލާފައިވާ ވަރު އެނގެ އެވެ. އަނެއްކޮޅުން ކުރިއަށްވުރެއް އޭނާގެ ތުންފަތް ބޮޑުކަމަށް ބައެއް މީހުން ބުނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން ބުނަނީ އާލިއާ ހުރީ ލިޕް ޖޮބެއް ހަދާފައި ކަމަށެވެ.
ހަށިގަނޑު ރީތި ކުރުމަށް އެކި ބާވަތުގެ ކޮސްމެޓިކް ސާޖަރީ ހެދުމަކީ ބޮލީވުޑްގައި އާންމު ކަމެކެވެ. އާލިއާއަށް އެފަދަ ތުހުމަތުތަކެއް ކުރެވުނު ނަމަވެސް މި މައުލޫމާތުގެ ސައްހަކަން ކަށަވަރެއް ނުވެ އެވެ.
މާ އަވަސް އަރުވާލައިގެން އާލިއާ ހިކެން މަސައްކަތް ކުރަނީ ފިލްމީ މަސައްކަތްތަކަށް ނިކުންނަންކަމަށް ވެދާނެ އެވެ. އާލިއާ ބަނޑު ބޮޑުވިއިރު އޮތީ އޭނާގެ އެންމެ ޕީކް ދުވަސްވަރެވެ. މޮޅެތި ފިލްމުތަކަކުން އޭނާ ދިޔައީ ގިނަ އެވޯޑުތަކެއްވެސް ނަގަމުންނެވެ. ބަނޑުބޮޑުވިކަން އެނގުނީ ހޮލީވުޑް ފިލްމެއްގެ ޝޫޓިންގައި ހުއްޓަ އެވެ.
ކޮންމެއަކަސް އާލިއާ ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ފަހަރުގައި އޭނާ މިހާރު ތައްޔާރުވަނީ މިއަހަރު ޖުލައި މަހު ރިލީޒްވާ އޭނާގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ޕްރޮމޯޝަނަށްކަމަށް ވެދާނެ އެވެ.
ޑަޑަ ސަހެބް އެއް ނޫން. ދާދާ ސާހަބް.