ބޮޑު ތަފާތަކުން ބަލިކޮށް ބާސެލޯނާ ލަދުގަންނަވާލުމަށްފަހު ބަޔާން ސެމީ ފައިނަލަށް
8-2ގެ ބޮޑު ތަފާތަކުން ބާސެލޯނާ ބަލިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ބަޔާން މިއުނިކް ދަތުރު ކޮށްފިއެވެ.
މެޗު ފަށަައިގެން މާ ގިނައިރުތަކެއް ނުވެ ބަޔާން މިއުނިކް އިން ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑު ނަގާފައެވެ. މި ގޯލް މެޗުގެ 5 ވަނަ މިނެޓުގައި އެ ޓީމަށްކާމިޔާބު ކޮށްދިނީ ތޯމަސް މުލާ އެވެ. ވާއަތު ފައިން ގޯލްގެ ތިރީ ވާއަތު ކަނަށް ފޮނުވާލި މި ގޯލް ވަރަށްވެސް ހިތްގައިމެވެ.
އެހެން ނަމަވެސް ބަޔާނުން ގޯލެއް ޖެހިތާ މާ މާ ގިނައިރުތަކެއް ނުވެ ބަޔާންގެ ޑިފެންޑަރު އަލާބާ އަތުން ވަނީ ބައިކޮޅަށް ގޯލެއް ވަދެފައެވެ. މި ގޯލަކީ ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާ ނަގައިދިން ހުރަހެއް ސާފު ކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަން ގޯލެކެވެ.
އެއަށްފަހު މެޗުގައި ބަޔާން ގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އަނެއްކާވެސް ގޯލެއް ޖަހާ މެޗުގެ ލީޑު ވަނީ ބަޔާނުން ނަގާފައެވެ. މި ގޯލް ބަޔާންއަށް ކާމިޔާބު ކޮށްދިނީ އިވާން ޕެރިސިކް އެވެ.
މި ގޯލް ޖެހިތާ އެންމެ 6 މިނެޓު ފަހުން މެޗުގެ 28 ވަނަ މިނެޓުގައި އަނެއްކާވެސް ބަޔާނުން އިތުރު ގޯލެއް ޖަހައި މެޗުގައި ލީޑު ފުޅާކުރިއެވެ. ބާސެލޯނާގެ ޑިފެންޑަރ ލިންގްލެޓް ކައިރިން ކަޓުވާލުމަށްފަހު ޖެހި މި ގޯލް ވެސް ވަރަށް ހިތްގައިމެވެ.
އަނެއްކާވެސް މެޗުގެ 32 ވަނަ މިނެޓުގައި ބަޔާނުން ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ފުޅާ ކޮށްފައެވެ. މި ގޯލްވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ގޯލް ވެސް ޖެހި ހުނަރުވެރި ފޯވާރޑް ތޯމަސް މުލާއެވެ.
މި ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ވަނީ ބަޔާން ބޮޑު ތަފާތަކުން ކުރީގައި އޮވެ ނިމިފައެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށި ބާސެލޯނާއިން ވަނީ އިތުރު ގޯލެއް ކާމިޔާބު ކޮށްފައެވެ. މި ގޯލް މެޗުގެ 58 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހުނަރުވެރިފޯވަރޑް ލުއިސް ސުއަރޭޒް އެވެ.
ބާސެލޯނާއިން އިތުރު ގޯލެއް ޖެހި ނަމަވެސް ބަޔާނުން ވަނީ މެޗުަގައި ކުޅުން އިތުރަށް ރަނގަޅު ކޮށް އަނެއްކާވެސް އިތުރު ގޯލެއް ޖަހާ ލީޑު ފުޅާ ކޮށްފައެވެ. މިގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކިމިޗް އެވެ.
ބަޔާން އިން މެޗުގައި ޖެހި 6 ވަނަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ މިއަހަރުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށްވެސް 13 ގޯލް ކާމިޔާބު ކޮށްދީފައިވާ ރޮބާޓް ލެވަންޑޮސްކީ އެވެ. މިރޭގެ މެޗުގައި ޖެހި ގޯލާއެކު އޭނާ ވަނީ 14 ލަނޑު މި އަހަރުގެ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކޮށްދީފައެވެ.
މެޗުގައި ބަޔާން އިން ޖެހި 7 ވަަނަ އަދި 8 ވަނަ ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލޯންގެ ދަށުން ބާސެލޯނާއިން ބަޔާން އަށް ދޫކޮށްފައިވާ ފިލިޕް ކުޓީނިއޯ އެވެ.