ޚަބަރު

މެސީ ޕީއެސްޖީ ދޫކޮށް، ސައުދީގެ އަލް ހިލާލްއަށް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ފުޓްބޯޅައިގެ ރަސްގެފާނު ކަމަށް ބުނާ، އާޖެންޓީނާގެ ތަރި، ލޮއޮނެލް މެސީގެ ކެރިއަރުގެ ދެން އޮތް މަންޒިލަކީ ކޮބައިކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

Ads by STELCO

މި ސުވާލު އުފެދެން މެދުވެރިވީ، ޕީއެސްޖީގެ ހުއްދައަކާ ނުލައި، މެސީ، ސައުދީ އަރަބިއާއަށް ދަތުރު ކުރުމުން، އެ ކްލަބުން އޭނާ ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.

"އޭއެފްޕީ ނިއުސް އެޖެންސީ"އިން އަންގާރަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، މެސީ ސައުދީއަށް ކުރި ދަތުރުގައި ވަނީ، އެ ޤައުމުގެ ޓީމަކާއެކުގައި "ޑީލް"އެއް ހަދައިފައެވެ.

އުމުރުން 35 އަހަރުގެ މެސީއާއެކު ޕީއެސްޖީ އިން ހަދައިފައިވާ އެއްބަސްވުން، މި އަހަރުގެ ޖޫން މަހުގައި ހަމަވާނެއެވެ.

މެސީގެ ދެން އޮތް މަންޒިލާ ބެހޭ ވާހަކަތައް އެކި ގޮތްގޮތަށް ފެތުރެމުން އަންނައިރު، އޭނާގެ ބައްޕަ، އަދި އެޖެންޓް، ޖޯސް މެސީ ނެރުނު ބަޔާނެއްގައި ބުނީ، މެސީ ދެން ގުޅޭނެ ޓީމެއް ޕީއެސްޖީގެ ސީޒަން ނިމުމުގެ ކުރިން ކަނޑަނާާޅާނެ ކަމަށެވެ.

އޭނާ މިހެން ބުނިއިރު، ސައުދީގެ އަލް ހިލާލް، ބާސެލޯނާ ނުވަތަ އިންޓަރ މަޔާމީއާ މެސީ ގުޅިފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

2021 ވަނަ އަހަރު، މެސީ ބާސެލޯނާ ދޫކޮށް "ކަރުނައިގެ ވަކިވުމަކުން" ވަކިވިއިރު، އޭނާ އަލުން އެ ކްލަބާ ގުޅިފާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ނަމަވެސް ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާ ބާސާ އަށް، މެސީއަށް މުސާރަ ދެވިދާނެ ކަމާމެދުގައި ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އެހެންކަމުން، ތެލުގެ މުއްސަނދިކަން ލިބިފައިވާ ސައުދީގެ ކްލަބަކުން، ބޮޑު ހުށަހެޅުމެއް މެސީއަށް ލިބިފައިވާ ކަމަށާއި، ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިން، މެސީ ވެސް ބޮޑު "އޮފަރ"އެއް ގަބޫލު ކޮށްފާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

  1. ކާފަރުންތައް ދޫކޮށް މުސްލިމުންގެ ގާތަށް ދޭ! ފަހަރެއްގައި ﷲ ގެ ހިދާޔަތް ލިބިދާނެ! އޭރުން ހުރިހާ ކާމިޔާބީއެއް ލިބޭނެ.