ޚަބަރު

ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހާމަކުރީ މިނިސްޓްރީން ދިން މައުލޫމާތު: މަބުރޫކް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ގެނައި ވެންޓިލޭޓަރުތަކާއި ގުޅޭގޮތުން ހާމަކުރި މައުލޫމާތުތަކަކީ ހެލްތު މިނިސްޓްރީން ދީފައިވާ މައުލޫމާތު ކަމަށް ނެޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާންކަން ކުރެއްވި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކޮވިޑް-19 އާ ގުޅިގެން ހެލްތް މިނިސްޓްރީ އާއި ޓުއަރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާ ގުޅިގެން އޮޑިޓް އޮފީހުން ވަނީ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓެއް އާންމުކޮށްފަ އެވެ.

މިއަދު ނެރުނު ހެލްތު މިނިސްޓްރީގެ ރިޕޯޓުން އެނގޭ ގޮތުގައި ވެންޓިލޭޓަރުތައް ގަންނަން ހަވާލުކުރުމުގައި ވެސް ބޮޑެތި މަކަރާއި ހީލަތްތަކެއް ހަދާފައިވެއެވެ.

އޮޑިޓް އޮފީހުން ނެރުއްވާފައިވާ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާ ދީގެން ހެލްތު މިނިސްޓްރީން މަސައްކަތް ހަވާލުކުރި ކުންފުންޏެއް ނޫންކަމަށް ވަނީ ބުނެފައެވެ.

އެ ވެންޓިލޭޓަރުތަކުގެ ތަފްސީލުތައް އެންމެ ފުރަތަމަ ހާމަކުރެއްވީ، އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން މަބްރޫކެވެ.

އޮޑިޓާ ގުޅިގެން އާންމުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ބައެއް މީޑިއާތަކަށް މަބުރޫކް މިރޭ ވިދާޅުވީ ވެންޓިލޭޓަރުތަކާއި ގުޅިގެން އޭނާ ހާމަކުރި މައުލޫމާތުތަކަކީ ހެލްތް މިނިސްޓްރީން ދީފައިވާ މައުލޫމާތުތައް ކަމަށެވެ. އަދި އެ މައުލޫމާތުތައް ހިއްސާ ކުރުމުގެ ކުރިން ސައްހަކަން ޔަގީންކުރަން މަސައްކަތްވެސް ކޮށްފައިވާނެ ކަމަށެވެ.

އަދި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލުކުރި ކުންފުނިތަކާއި އެ ކުންފުނިތަކާއި ހަވާލުކުރެވުނު ގޮތް އަދި ވެންޓިލޭޓަރުތައް ގެންނާނެ ތާރީހުތައްވެސް އޭރު ހާމަކުރަމުންދިޔައީ ހެލްތް މިނިސްޓްރީން ދެމުންދިޔަ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިން އަށް އެޑްވާންސް ޕޭމަންޓް ގެރެންޓީއަކާނުލައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ކުންފުންޏަށް ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ އެކަމަށް އެދި ހުށަހެޅި ދިވެހި ކުންފުނިތަކަށް ވުރެ ބޮޑު އަގެއްގައިކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!