ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އޮކްޓޯބަރު މަހު މަރުވި އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ޕޯސްޓްމޯޓަމް އިން އެނގިފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސ،ް އޭނާ ވަގުތުން ފަރުވާއަށް ގެންދަން ފުލުހުން ނޫޅުނު ކަމަށް ތުހުމަތު ކުރާއިރު، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވަނީ އަބްދުﷲ ރަޝީދުގެ މަރަށް ހަތް މަސް ދުވަސް ވާން ކައިރި ވެފައިވާއިރު، އެ މައްސަލައިގައި މިހާތަނަށް މިނިސްޓްރީން އަމަލު ކޮށްފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރައްވާފައެވެ. އެގޮތުން، ޕޯސްޓްމޯޓަމް ހެދުމަށް ފަހު އާއިލާއަށް ފުލުހުންގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ވިދާޅުވެ ފިރުޝާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލާގައި މެންބަރު ފިރުޝާން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ފިރުޝާނާ ހިއްސާ ކުރެއްވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް ފިރުޝާން އެކަން ދޮގު ކުރެެއްވި އެވެ. އަދި ވިދާޅުވީ އެފަދަ މައުލޫމާތެއް އޭނާއާ ހިއްސާ ކުރައްވާފައި ނުވާ ކަމަށެވެ.
މި މަރުގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ބެލެވޭތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މައްސަލަ ތަހުގީގު ކުރި އެވެ. އަދި, އާއިލާގެ ނުރުހުމުގައި ޕޯސްމޯޓަމް ވެސް ހަދާފައިވެއެވެ.