ބޮލީވުޑް މުނިފޫހިފިލުވުން

ވިކީއާ ކެޓްރީނާ ނުގުޅެނީއެއް ނޫން، ކެޓްރީނާ ރޯލަށް ކަމު ނުދިޔައީ: ލަކްޝްމަން

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ކެޓްރީނާ ކައިފް، ސާރާ އަލީ ހާން އަދި ވިކީ ކައުޝާލް

އެކްޓަރު ވިކީ ކައުޝާލްއާއި އެކްޓްރެސް ސާރާ އަލީ ހާން ލީޑް ރޯލުން ފެނިގެންދާ "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" ރިލީޒްވާން ތައްޔާރުވެފައިވާއިރު އެފިލްމުގެ ލީޑް ރޯލަށް ކެޓްރީނާ ކައިފް ނުނެގި ސަބަބު އޭގެ ޑައިރެކްޓަރު ލަކްޝްމަން އުޓޭކަރު ހާމަކޮށްފި އެވެ.

Ads by Sosun Fihaara

2021 ވަނަ އަހަރު ކައިވެނީގެ ގޮތުން ގުޅުނު ކެޓްރީނާއާއި ވިކީ އަކީ ބޮލީވުޑް ސަޕޯޓަރުންގެ މެދުގައި ވަރަށް މަގުބޫލު ޖޯޑެކެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް މި ދެތަރިން އެކީގައި ސްކްރީނުން ފެނިފައެއް ނުވެ އެވެ.

ކައިވެނީގެ ފަހުން ވިކީ އެންމެ ފުރަތަމަ ސޮއިކުރި ފިލްމަކީ "ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" އެވެ. ކުރިން އަޑު ފެތުރިފައި އޮތީ މިފިލްމުން ވިކީއާއިއެކު ފެންނާނީ ކެޓްރީނާ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ފެށީ ބަތަލާ ސާރާއާއިއެކު އެވެ.

ފިލްމުގެ ޕްރޮމޯޝަން އިންޓަވިއުއެއްގައި ލީޑް ރޯލަށް ކެޓްރީނާ ނުނެގީ ކީއްވެތޯ ޑައިރެކްޓަރު ލަކްޝްމަން ކައިރިން ނޫސްވެރިން ސުވާލު ކުރި އެވެ. ޖަވާބުގައި އޭނާ ބުނީ ކެޓްރީނާއަކީ މޮޅު ބަތަލާއެއް ކަމަށާއި ވިކީއާ ކެޓްރީނާގެ ޖޯޑުވެސް ވަރަށް ގުޅޭ ކަމަށެވެ.
"މި ފިލްމުގައި އަދާކުރަން ޖެހެނީ އާދައިގެ އާއިލާއެއްގެ ދަނބި ދަރިއެއްގެ ރޯލު. އެރޯލަށް ކެޓްރީނާ ގުޅޭކަމަކަށް އަހަންނަކަށް ނުފެނޭ. ކުރިއަށް އޮތް ތަނުގައި ކެޓްރީނާއާއި ގުޅޭ ރޯލެއް ލިޔާނަމަ އޭނާއާއިއެކު މަސައްކަތް ކޮށްފާނަން." ލަކްޝްމަން ބުންޏެވެ.

"ޒަރާ ހަޓްކޭ ޒަރާ ބަޗްކޭ" ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ. ވިކީއާ ސާރާގެ އިތުރުން އިނާމުލްހަގް އާއި ރާކޭޝް ބޭޑީވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނެ އެވެ. ފިލްމުގެ ޕްރޮމޯޝަންތައް ބާރަށް ކުރިއަށްދާއިރު ޓްރެއިލާއަށް ދަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!