ބޮޑު ބަޖެޓަކާއެކު އުފެއްދި "ނީނާ" އޯގަސްޓު 6ގައި ރިލީޒް ކުރަނީ
“ބަވަތި" ގެ ކާމިޔާބީއަށްފަހު އައިފިލްމްސް އިން އުފައްދާ ދެވަނަ ފިލްމު "ނީނާ" މިއަހަރުގެ އޯގަސްޓު މަހުގެ 6ވަނަ ދުވަހު ރިލީޒް ކުރަން ތައްޔާރުވެއްޖެއެވެ.
މަޝްހޫރު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) ގެ މިފިލްމަކީ، ހިތްވަރުގަދަ އަންހެނަކަށް ދިރިއުޅުމުގައި ދިމާވާ އެތައް ކަމަކާ އޭނާ ހިތްވަރާއެކު ތެދުވެ، އިންސާފު ހޯދުމަށްޓަކައި އަމިއްލައަށް ވެސް ކުރާ އެތައް މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
"ނީނާ" މިފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މަޝްހޫރު ފިލްމީ ތަރި ނުޒުހަތު ޝުއައިބު އާއި މިހާރު ފިލްމު އިންޑަސްޓަރީގައި ފައިހަމަ ކޮށްފައިވާ ކުޅަދާނަ އެކްޓަރު ޝަރަފް ޢަބްދުﷲ އެވެ. މިދެތަރިންގެ އިތުރުން 90ގެ އަހަރުތަކުގައި މިދާއިރާގައި އެންމެ ފުންނާބު އުސްކޮށް ހަރަކާތްތެރިވި މަރިޔަމް ޝަކީލާއާއި މަރިޔަމް ރަޝީދާ ވެސް މިފިލްމުން ފެނިގެން ދާނެއެވެ. މިއީ ފިލްމީ ދާއިރާއާއި 30 އަހަރުގެ ދިގު މުއްދަތަކަށް ދުރުގައި ހުރުމަށްފަހު މަރިޔަމް ރަޝީދާގެ ހުނަރު އަނެއްކާވެސް ފެނިގެން ދާނެ ފުރަތަމަ ފަހަރެވެ.
އޮލިމްޕަހު ސްކްރީނުގައި "ނީނާ" އެޅުވުމަށް މިހާރު ތައްޔާރު ވަމުންދާއިރު، ރޭ ސޮލައިޓް ރެސްޓޯރަންޓުގައި ބޭއްވި ޚާއްސަ ޚަފްލާއެއްގައި ވަނީ މިފިލްމުގެ އޮފިޝަލް ޕޯސްޓަރާއި، ޕްރޮމޯޝަނަލް ލަވަ، އަދި ޓީޒަރ ޓްރެއިލަރ އާއި އޮފިޝަލް ޓްރެއިލަރ ވެސް ލޯންޗުކޮށްފައެވެ. މީސްމީޑިއާ މެދުވެރިކޮށް ޓީޒަރ އާއި ޓްރެއިލަރ އަދި ލަވަ ވެސް ވަރަށް އަވަހަށް ބެލުންތެރިންނާ ހިއްސާ ކުރާނެ ކަމަށް އައިފިލްމްސް އިން ޔަގީންކަން ދެއެވެ.
މީގެ ތިން އަހަރަށް ވުރެ ގިނަ ދުވަސް ކުރިން އުފައްދަން ފެށި މިފިލްމުގެ ބޮޑު ބައި ޝޫޓު ކޮށްފައިވަނީ ލާމުގައި ކަމަށާއި ހަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ބަޖެޓެއްގައި އުފެއްދި މި ފިލްމަކީ ވަރަށް ގިނަ ތައްޔާރީތައް ވެގެން އުފެއްދި ފިލްމެއް ކަމަށް ވެސް އައިފިލްމްސް އިން މައުލޫމާތު ދެއެެވެ. އެގޮތުން މިފިލްމުގެ ބައެއް މަންޒަރުތައް ނެގުމުގެ ކުރިން ދެ މަސް ވަންދެން ނުޒޫއަށް މާޝަލް އާޓްސް ޓްރެއިނިންގް ދިން ކަމަށާއި ފިލްމުގައި ހިމެނޭ އެކްޝަން މަންޒަރުތަކަކީ ވެސް ހަމަ އަސްލު މަންޒަރުތަކެއް ކަމަށް ބުންޏެވެ.
"ނީނާ" އަކީ ހުރިހާ ބެލުންތެރިންނަށް ވެސް ވަރަށް ކަމުދާނެ ފިލްމެއް ކަމަށް އައިފިލްމްސް އިން ޔަގީންކަން ދެއެވެ.