ބޮލީވުޑް މުނިފޫހިފިލުވުން

ސަލްމާންގެ ބޯ ކޮށާލައި ކަރީނާއާއެކު ޝޫޓު ފެށި ފަހުން ބަންސާލީގެ ފިލްމެއް ހުއްޓައިލި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސަލްމާން ހާން އަދި ކަރީނާ ކަޕޫރު ހާން

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް ކުޅެން ސަލްމާން ހާން އޭނާގެ ބޯ ތުނިކޮށް ކޮށާލައި، ކަރީނާ ކަޕޫރު ހާން އާއިއެކު ފިލްމުގެ ޝޫޓިންތައް ފެށި ފަހުން އެ ފިލްމު ހުއްޓައިލިކަން ހާމަވެއްޖެއެވެ.

Ads by MWSC

އެ ފިލްމަކީ 2015 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމު "ބާޖީރާއޯ މަސްތާނީ"އެވެ. މީޑިއާ ރިޕޯޓެއްގައި ބުނީ މިފިލްމުގެ މަސައްކަތް ބަންސާލީ އެންމެ ފުރަތަމަ ފެށީ 2003 ވަނަ އަހަރު ކަމަށެވެ. ފިލްމު "ދޭވްދާސް" އަށްފަހު ބަންސާލީ "ބާޖީރާއޯ މަސްތާނީ" ގެ މަސައްކަތަށް ސޮއިކުރީ ސަލްމާންގެ އިތުރުން އައިޝްވާރިޔާ ރާއީ ބައްޗަން އަދި ރާނީ މުކަރްޖީ އާއިއެކުއެވެ.

ބާޖީރާއޯގެ ރޯލު ސަލްމާން ކުޅެން ހަމަޖެއްސިއިރު, މަސްތާނީގެ ރޯލު ކުޅެން ހަމަޖެހުނީ އައިޝްވާރިޔާ ރާއީއެވެ.

އަދި ރާނީ ކުޅެން ހަމަޖެހުނީ ކާޝީ ބާއީގެ ރޯލެވެ. އެހެންނަމަވެސް ސަލްމާން އާއި އައިޝްވާރިޔާގެ ހުތުރު ބްރޭކްއަޕަށްފަހު އޭރު ކަންކަން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ސަލްމާންއާ އައިޝްވާރިޔާ ކުޅުނު ބަންސާލީގެ "ހަމް ދިލް ދޭޗުކޭ ސަނަމް" އަށްފަހު ދެތަރިން އެކީގައި ފިލްމެއް ނުކުޅެން އޭރު އޮތީ ނިންމައިފައެވެ.

އެއަށްފަހު ޖެހިގެން އައި 2004 ވަނަ އަހަރު މަސްތާނީގެ ރޯލަށް ކަރީނާއާއިއެކު ބަންސާލީ ސޮއިކުރިއެވެ. ލަސްތަކެއް ނުވެ ފިލްމުގެ ފުރަތަމަ ފެނިލުމަށް ދެތަރިން ޝޫޓުވެސް ކުރިއެވެ. ބާޖީރާއޯގެ ރޯލު ކުޅެން ސަލްމާން އިސްތަށިގަނޑު ތުނިކޮށް ކޮށައިލިކަމަށް ވެއެވެ.

އެހެންނަމަވެސް ސަބަބުތަކަކާއިއެކު ފިލްމު ހުއްޓުނެވެ. އެއާއެކު ބަންސާލީ އެ އަހަރު އެހެން ފިލްމެއްގެ މަސައްކަތް ފެށިއެވެ. އެއީ 2005 ވަނަ އަހަރު ރިލީޒް ކުރި "ބްލެކް" ގެ މަސައްކަތެވެ. މިފިލްމުގައި ބަންސާލީ މަސައްކަތް ކުރީ ރާނީ މުކަރްޖީއާއި އަމީތާބު ބައްޗަންއާއިއެކުއެވެ.

"ބާޖީރާއޯ މަސްތާނީ" ގެ މަސައްކަތް އޭރު ވަގުތީގޮތުން ހުއްޓައިލި ނަމަވެސް އެ ފިލްމާއިއެކު ކުރިއަށް ދާން ބަންސާލީ ހުރީ ތައްޔާރަށެވެ. މަޢުލޫމާތު ލިބޭ ގޮތުގައި "ބްލެކް" ރިލީޒް ކުރުމަށްފަހުވެސް ބަޖީރާއޯގެ މަސައްކަތްތަކެއް ކުރިއަށް ދިޔައެވެ. އޭގެ ފަހުން ފިލްމު މުޅިން ހުއްޓައިލީ ކޮން އިރަކުކަމެއް މުޅިން ކަށަވަރެއް ނުވެއެވެ.

ތަފާތު ފިލްމުތަކެއް އުފެއްދުމަށްފަހު 2013 ވަނަ އަހަރު ބަންސާލީ ވަނީ "ގަލިޔޯންކީ ރަސްލީލާ ރާމް ލީލާ" ރިލީޒްކޮށްފަ އެވެ. އެއީ ދިޕިކާ ޕަދުކޯން އަދި ރަންވީރު ސިންގް އާއިއެކު އެވެ. އެ ފިލްމުގެ ޝޫޓިން ނިންމާލައި ރިލީޒް ކުރުމުގެ ކުރިން "ބާޖީރާއޯ މަސްތާނީ" އަށް ދެތަރިންނާއިއެކު ބަންސާލީ ސޮއިކުރިކަމަށް ވެއެވެ.

2015 ވަނަ އަހަރު ފިލްމު ރިލީޒް ކުރިއިރު ފިލްމުން ފެނުނީ ބާޖީރާއޯގެ ރޯލުން ރަންވީރު، މަސްތާނީގެ ރޯލުން ދިޕިކާ އަދި ކާޝީ ބާއީގެ ރޯލުން ޕްރިޔަންކާ ޗޯޕްރާއެވެ.

"ބާޖީރާއޯ މަސްތާނީ" 2005 ގެ ފަހުން ހުއްޓައިލުމާއިއެކު ޖެހުނު މައްސަލަގަނޑަކާއިއެކު ސަލްމާންއާއި ކަރީނާވެސް ބަންސާލީއާއެކު މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!