ކަބީ ހުޝީ ކަބީ ގަމްގެ ބަތަލާގެ ރޯލަށް ފުރަތަމަ ޗޮއިސްއަކީ އައިޝްވާރިޔާ
އިންޑިއާ ސިނަމާގައި ބެންޗްމާކެއް ގާއިމްކުރި ކާމިޔާބު ފިލްމު "ކަބީ ހުޝީ ކަބީ ގަމް" އާއި ގުޅޭ ސިއްރުތަކެއް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރު ހާމަކޮށްފިއެވެ.
"ކަބީ ހުޝީ ކަބީ ގަމް" ގެ ލީޑް ރޯލުން ފެނިގެން ދިޔައީ ޝާހުރުކް ހާން އާއި ކާޖޮލް އެވެ. އަދި ސަޕޯޓިންގް ރޯލުތަކުން ފެނުނީ ކަރީނާ ކަޕޫރު ހާން، ރިތިކު ރޯޝަން، އަމީތާބު ބައްޗަންގެ އިތުރުން ޖަޔާ ބައްޗަންއެވެ. މިފިލްމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ޖޯޑު ޝާހު އަދި ކާޖޮލްގެ އެންމެ ފާހަގަކޮށްލެވުނު އެއް ފިލްމެވެ.
އެހެންނަމަވެސް ކަރަން މިފިލްމުގެ ސްކްރިޕްޓު އެންމެ ފުރަތަމަ ލިޔަމުން ދިޔައިރު ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައި އޮތީ ކާޖޮލްއެއް ނޫނެވެ. ބަތަލާ އައިޝްވާރިޔާ ރާއީ ބައްޗަން އެވެ. ކަރަން ވަނީ މީގެ ސިއްރު ބުނެދީފައެވެ.
"އަހަރެން އެ ފިލްމު ލިޔަމުން ދިޔަ ދުވަސްވަރަކީ ކާޖޮލްއާ އަޖޭގެ ކައިވެނި ހަމަ ކުރެވުނު ދުވަސްވަރު. ދެން އޭރު ކާޖޮލް ބޭނުންވީ އަޖޭއާ ކައިވެނިކޮށް އާއިލާއާގެން ކުރިއަށް ދާން. އެހެންވެ އަހަރެން ހިތަށް އެރީ މި ފިލްމަށް ކާޖޮލް ޝައުގުވެރިއެއް ނުވާނެއޭ" ކަރަން ކިޔައިދިނެވެ.
ކަރަން ބުނީ މިރޯލަށް އައިޝްވާރިޔާ ނެގުމަށް ވާހަކަ ދައްކަން ހަމަޖެހިފައި އޮއްވާ ކާޖޮލްއާއި ދިމާވީ ސްޓޫޑިއޯއިން ކަމަށެވެ. ކާޖޮލްއާއި ކަރަންގެ އޮތް ގާތް ގުޅުމުގެ ސަބަބުން ފިލްމު ކުރުކޮށް ނެރޭޓުކޮށްދިންކަމަށް ކަރަން ބުންޏެވެ.
އެއާއެކު ކާޖޮލް ބޭނުންވީ އެ ފިލްމު ކުޅޭށެވެ. އެހެންވެ އައިޝްވާރިޔާއާއިއެކު ހަމަޖެހިފައި އޮތް ބައްދަލުވުން ކެންސަލްކޮށް ކާޖޮލްއާއެކު ކުރިއަށް ދާން ނިންމީ ކަމަށް ކަރަން ބުންޏެވެ.
މިކަމާއި ގުޅިގެން އައިޝްވާރިޔާވެސް މީޑިއާގައި ވާހަކަ ދެއްކި އެވެ. އޭނާ ބުނީ "ކަބީ ހުޝީ ކަބީ ގަމް" ގެ ވާހަކަ ކަރަން ދެއްކި ކަމަށެވެ. އެހެންނަމަވެސް ފިލްމު ނެރޭޓު ކުރަން އައުމުގެ ކުރިން ބައެއް ބަދަލުތައް ގެނައިކަން ކަރަން އެންގި ކަމަށެވެ. އެއާއެކު އޭނާއަށް އެފިލްމު ގެއްލުނުކަމަށް އައިޝްވާރިޔާ ބުންޏެވެ.
"އެފިލްމު ގެއްލުމުން ދެރައެއް ނުވޭ. ކާޖޮލްއަކީ އެރޯލަށް ހަމަ އެންމެ އެކަށޭނަ ބަތަލާ" އައިޝްވާރިޔާ ބުންޏެވެ.